ހަބަރު

ޝަރީއަތް ނިމެންދެއް ސިނާން ބަންދު ކުރަން އަމުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ޝަރީއަތް ނިމެންދެއް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި ސިނާންގެ މުއްދަތު މަޖިލީހަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ސިނާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދިގެން ކަމަށެވެ. އަަދި ދައުލަތުން އެގޮތަށް އެދުނު ސަބަބެއް ކަމަށް ޕީޖީގެ ވަކީލުން ވިދާޅުވި ކަމަށް ވަކީލް ނޫރުއްސަލާމް ވިދާޅުވީ ސިނާންގެ ފަރާތުން މުޖުތަމައުއަށް ސަލާމަތައް ނުރައްކާވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށެވެ. އަދި އެކަމަށް ބާރުދޭން ދައުލަތުން ހުށަހެޅީ ޕޮލިސްގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ސިނާން އަކީ މުޖުތަމައަށް ނުރައްކާވެދާނެ ފަދަ މީހެއް ނޫން ކަމަށް ސާބިތުކޮށް ދިނުމަށް ވަކީލުން ގިނަ ކަންކަން ޝަރީއަތަށް ހުށަހެޅި ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އެގޮތުން ސިނާންގެ މައްޗަށް ހުރި ހެކިތަކަކީ ކިތާބީ ހެކިތަކެއް ކަމަށް ދައުލަތުން ބުނެފައި ވާތީ އެ ހެކިތައް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމުން އެއީ ސިނާންއަށް ނުފޫޒު ފޯރުވޭނެ ހެކިތަކެއް ނޫން ކަމަށް ވަކީލުން ފާހަގަ ކުރެއްވި ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އަދި ޝަރީއަތަށް ހެކިބަސް ދޭ ފަރާތްތަކަކީ ސިއްރުހެކިން ކަމަށް ދައުލަތުން ބުނެފައި ވާތީ، އެއީ ކޮން ބައެއްކަން ސިނާންއަށް ނޭނގޭތީ އެ ހެކިތަކަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އަދި ސިނާން އަކީ މުޖުތަމައަށް ނުރައްކާ ކުރާނެ މީހެއް ކަމަށްވާ ނަމަ އޭނާ ރައްޔިތުން މަޖިލީހުގެ ގޮނޑިއަކަށް ދާއިރާގެ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ނުކުރާނެ ކަމަށް ވެސް ޝަރީއަތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން ހައްޔަރުކުރުމަށްފަހު އެ ހާލަތު ނިމެން ކައިރިވުމުން ސިނާންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. މިހާރު އޭނާ ބަންދުގައި ހުންނެވީ އެ 15 ދުވަހުގެ އަމުރުގެ ދަށުންނެވެ. އޭނާގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ސިނާންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރަން ނިންމުމަށްފަހު ބަންދު މަޖިލިސް ވަނީ ކެންސަލްކޮށްފަ އެވެ. މީގެ ކުރިން ވެސް ސިނާންގެ ބަންދުގެ މަޖިލީހެއް ކެންސަލްކޮށްފައި ވެއެވެ

ސިނާންއަށް ދައުވާ ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ސިނާންއާ ގުޅޭ ގޮތުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ މަގްސަދު ހާސިލްކުރުމަށްޓަކައި، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި ވަކި މައްސަލަތަކުގައި ވަކި ކަހަލަ ނިންމުންތަކެއް ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމާއި ބައެއް މެންބަރުން ރިޝްވަތުގެ ފައިސާއާ ހަވާލުވެފައިވާކަން އެނގެން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

މި މައްސަލާގައި ސިނާންގެ އިތުރުން އެހެން ތިން މެންބަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ އަބްދުﷲ ރިޔާޒާއި ފާރިސް މައުމޫނާއި އިލްހާމް އަހުމަދަށެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު އޭނާއަށް ޓެރަރިޒަމްގެ ތުހުމަތުކުރާކަން ފުލުހުން އެންގީ ހައްޔަރުކޮށްފައި ހުންނަވާތާ 35 ދުވަސް ފަހުން އެވެ. ސިނާން ހައްޔަރުކުރީ ފެބުރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ. ޓެރަރިޒަމްގެ ތުހުމަތުކުރާކަން އެންގީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ އޭނާގެ ބަންދު އިތުރުކުރުމަށް ގެނައުމުގެ އެއް ދުވަސް ކުރިންނެވެ.

ސިނާން ހައްޔަރުކުރިއިރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތެއް ނުކުރެ އެވެ. އޭރު ކުރީ ގާނޫނީ އުގޫބާތުގެ ދަށުން ފަސް ތުހުމަތެކެވެ. އެއީ ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމާއި ވޯޓު ދޭން ހުރި މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމާއި ބާރުގެ ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތުތަކާއެކު ސިނާން ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ދޫކޮށްލި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރީ އޭގެ ފަހުންނެވެ. ސިނާންގެ ލޯޔަރުން ވިދާޅުވަނީ ސިނާންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި ހެއްކެއް ވެސް ފުލުހުންގެ އަތުގައި ނެތް ކަމަށެވެ. އަދި ސިނާން ގެންދަވަނީ އެ ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވަމުން އެވެ.