ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ހާލަތްތަކެއް ވުޖޫދުކޮށް މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރަން ޖެހޭ ނުވަތަ ނޫންތޯ ސުވާލު އުފައްދައި ދައުލަތާއި އެ މައްސަލަ ހުށަހެޅި ފަރާތްތަކުން މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ބަހުސަކަށްފި އެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ބޮޑަށް ދައްކާފައި ވަނީ މަޖިލީހުގެ ކޯރަމާއި ބަންދުގައި ތިއްބެވި މެންބަރުން މަޖިލީހަށް ހާޒިރު ކުރުމާއި ގުޅޭ ގޮތުންނެވެ. -- އެންޓި ޑިފެކްޝަން ބިލް ކޯޓަށް ހުށަހަޅާފައިވަނީ އިދިކޮޅުގެ ތިން ބޭފުޅުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ހުސެއިނާއި އަނާރާ ނައީމެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މާޝާ ލުތުފީ ވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން އެ ބިލް ފާސްކޮށްފައިވަނީ ސައްހަކަމާއެކު ކަމަށް ބަޔާންކޮށްދެއްވަން މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން މިހާރު ތަސްދީގުކޮށްފައިވާ އެ ބިލް ފާސް ކުރުމަށް 43 މެންބަރުން މަޖިލީހަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާޝާ ވިދާޅުވީ، އެދުވަހުގެ ޖަލްސާ އަށް މަޖިލީހުން މެންބަރުންނަށް މެސެޖްކޮށް ދައުވަތުދީފައިވާ ކަމަށާއި އެދުވަހު ހާޒިރުވެ ވަޑައިގަތީ 41 މެންބަރުން ކަމަށެވެ. ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވާ ކަމަށް މާޝާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޖަލްސާއަށް މެމްބަރުން ހާޒިރުވެ ވަޑައި ނުގަންނަވާ މައްސަލައިގެ އިތުރު މައުލޫމާތުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ލިބިދާނެތޯ މާޝާއާ ސުވާލު ކުރައްވާ އެވެ. މާޝާ ވިދާޅުވީ، އެ މައުލޫމާތު ތަކަކީ މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތު ތަކަކަށްވާތީވެ، އެ މައުލޫމާތުތައް ލިބޭނެ ވަކި ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.
މާޝާ ވިދާޅުވީ، އެދުވަހުގެ ޖަލްސާ އަށް މެންބަރުންނަށް މެސެޖްކޮށް ދައުވަތުދިން ކަމަށް މަޖިލީހުގެ ސިޓީގައި ބުނެފައިވާ ކަމަށާއި ނަމަވެސް މަޖިލީހަށް ހާޒިރުވީ 41 މެންބަރުން ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން މަގުބޫލު އުޒުރެއްނެތި މަޖިލީހަށް ހާޒިރުުވާން ޖެހޭނެ ކަމަށާއި ނަމަވެސް އެދުވަހުގެ ޖަލްސާ އަށް އެފަދަ އުޒުރެއްނެތި ބައެއް މެންބަރުން ހާޒިރުވެ ވަޑައިގެންފައި ނުވާއިރު މަޖިލީހުގެ ސައި ކޮޓަރި އާއި ގޯތި ތެރޭގައި ބައެއް މެންބަރުން ތިއްބެވި ކަމަށެވެ.
މާޝާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެހެން ކަމުން އެދުވަހު މަޖިލީހުން ފާސްކުރި ބިލަކީ ދުސްތޫރީ ގޮތުން ސައްހަ ނިންމުމެއް ކަމަށް ބެލެވޭނެ ޖާގަ އެބައޮތް ކަމަށެވެ.
އެއަށް ރައްދު ދެއްވައި ތިން ބޭފުޅުންގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުންގެ މައްޗަށް އަމަލު ކުރަން ޖެހޭ ބިލެއް ކަމަށާއި އެހެންކަމުން 43 މެންބަރުން ވޯޓް ނަގާ ގަޑީގައި މަޖިލީހުގައި ތިއްބަވަން ޖެހޭނެ ކަމަށެވެ. ސަފާ ވަނީ 43 މެންބަރުން ހާޒިރުވެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނުޖެހޭ ސަބަބު ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ބިލް ފާސްކުރުމަށް ބަންދުގައި ތިއްބެވި މެންބަރުން މަޖިލީހަށް ހާޒިރު ކުރަން ނުޖެހޭނެ ކަމަށާއި ސަބަބެއްގެ ގޮތުގައި މާޝާ ވިދާޅުވީ، އިމްތިޔާޒްގެ ގާނޫނުގެ 16 ވަނަ މާއްދާ ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވުމުން ކަމަށެވެ. އެހެން ކަމުން އެ މާއްދާ ބާތިލް ކޮށްފައިވުމުން އެގާނޫނުގެ 205 ވަނަ މާއްދާ އަށް އަމަލުކުރަން ނުޖެހޭނެ ކަމަށެވެ. އެބމާއްދާގައި ވަނީ ބަންދުގައިވާ މެންބަރުން މަޖިލީހުގެ ޖަލްސާ ތަކާއި މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް ސަފާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ކޯޓަކުން އަދި މަޖިލީހަކުން އެ މާއްދާ އަށް އަމަލު ނުކުރުމަށް ނުވަތަ އެމާއްދާ ބާތިލް ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އެ މާއްދާއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ދައުލަތަށް ނުބުނެވޭނެ ކަމަށެވެ.
އެކަމަށް ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، ހުށަހަޅުއްވާފައިވާ މައްސަލައާއި ބަންދުގައި ތިއްބެވި މެންބަރުން މަޖިލީހަށް ހާޒިރު ނުކުރުމުގެ މައްސަލައާ ގުޅުމެއްނެތް ކަމަށެވެ.
މައްސަލާގައި ދެފަރާތުން ދައްކަން ބޭނުންފުޅުވާ ވާހަކަތައް ނިމުމާއި ގުޅިގެން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ ކަމަށް އިއުލާން ކުރައްވާފަ އެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.