ދުނިޔެ

ފްރާންސްގެ ކުރީގެ ރައީސް ސާކޯޒީ ހައްޔަރުކޮށްފި

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ އަތްޕުޅުން ކެމްޕެއިނަށް ފައިސާ ހޯއްދެވި ކަމުގެ ތުހުމަތަށް ކުރާ ތަހުގީގަކަށް ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ހައްޔަރުކޮށްފިއެވެ.

ފްރާންސްގެ ޖުޑިޝަލް އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ސާކޯޒީ ހައްޔަރުކޮށްފައި ހުންނެވީ ވެރިރަށް ޕެރިހުގެ ރަށްބޭރުގައިވާ ނަންޓީރީ ނަމަކަށް ކިޔާ ސަރަހައްދެއްގައި ކަމަށެވެ.

ފްރާންސްގައި 2007 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލީބިޔާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ އަތްޕުޅުން ސާކޯޒީ ފައިސާ ހޯއްދެވިކަމަށް ބުނާ މައްސަަލަ ތަހުގީގު ކުރަން ފެށީ 2013 ވަނަ އަހަރުއެވެ. އެ މައްސަލައިގައި ފްރާންސް ފުލުހުން ވަނީ މީގެ ކުރިން ވެސް ސާކޯޒީއާ ސުވާލުކޮށްފައެވެ. އިންތިހާބުގެ ކެމްޕޭނުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރެއްވި ކަަމަށް ކުރާ ތުހުމަތަަށް އޭނާ ގެންދަވަނީ އިންކާރުކުރައްވަމުންނެވެ.

ސާކޯޒީ ފްރާންސްގެ ރައީސް ކަމަށް ވަޑައިގެންނެވީ 2007 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ދެވަނަ ދައުރެއް ހޯއްދަވަން 2012 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން އޭނާ ވެވަޑައިގެންނެވީ ނާކާމިޔާބެވެ.

ތަހުގީގެއް ކުރުމަށް ފްރާންސްގައި ކުރީގެ ރައީސަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ފްރާންސްގެ މަސްދަރުތަކާ ހަވާލާދީ ބީބީސީ ބުނީ ސާކޯޒީއާ ދެކޮޅަށް ކުރާ ތަހުގީގުގައި އޭނާގެ ސަރުކާރުގެ މިނިސްޓަރެއް ކަަމަށްވާ ބްރައިސް ހޯޓިފިއުކްސްއާ ވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށެވެ.

ޔޫރޯގެ 200 އާއި 500 ގެ ނޫޓުން ފުރާލާފައިވާ ތިން ސޫޓްކޭސް ސާކޯޒީގެ ޗީފް އޮސް ސްޓާފް ކްލައުޑިއާ ގިއާންޓާ ހަވާލު ކުރި ކަމަށް ލުބުނާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޒިއާދު ތަކީއުއްދީން 2016 ވަނަ އަހަރު ބުންޏެވެ. ފްރާންސްގެ މީޑިއާ ޕާޓް ނަމަކަށް ކިޔާ ނޫހަށް އޭނާ އޭރު ބުނީ އެ ސޫޓްކޭސްތަކުގައި ޖުމްލަ ފަސް މިލިޔަން ޔޫރޯ ހުރި ކަމަށެވެ.