ހަބަރު

އިހަވަންދޫގެ މައިޒާނެއް ފުލުހުން ރޫޅާލައިފި

Mar 21, 2018
2

ހއ. އިހަވަންދޫ ބަނދަރު މަތީގައި ހުރި "ނަލަ މައިޒާން" ފުލުހުން ރޫޅާލައިފި އެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ ރަށަށް ފުލުހުންތަކެއް އަރައި ރޫޅާލާފައިވަނީ އެ ރަށުގެ އެމްޑީޕީގެ މެންބަރުން އާންމުކޮށް ގޮސް އުޅޭ މައިޒާނެކެވެ. އެއީ އެ ރަށުގެ ރައްޔިތުން ހަދާފައިވާ ތަނެކެވެ.

އިހަވަންދޫ މީހަކު ބުނީ، އެ މައިޒާނަށް އާންމު ގޮތެއްގައި ގޮސް އުޅެނީ އެމްޑީޕީ މީހުން ކަމަށެވެ. އަދި އެ ތަނުގައި ގިނައިން ބަލަނީ ރާއްޖެޓީވީ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންގެ ތަނެއް ކަމުން ހުރިހާ ފިކުރެއްގެ މީހުން ވެސް އެތަނަށް ގޮސް ޓީވީ ބަލާ ހަދާ ކަމަށެވެ.

ކުއްލި ގޮތަކަށް ފުލުހުން އެ މައިޒާން ރޫޅާލި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި އެތަނަކީ ގާނޫނާ ހިލާފަށް ހަދާފައިވާ ތަނެއް ނޫންކަން ވެސް އޭނާ ފާހަގަކުރި އެވެ. އެ މައިޒާން ހަދާފައިވާ ބިމަކީ ރައްޔިތުންގެ ބިމެކެވެ. އެ މައިޒާން ރައްޔިތުން ހެދުމަށްފަހު އެތަން ބެލެހެއްޓުން ވަނީ ކައުންސިލަށް ހަވާލުކޮށްފަ އެވެ.

ފުލުހުން އެ މައިޒާން ރޫޅާލާފައިމިވަނީ އެ ރަށުގެ ކައުންސިލްގެ ފަސް މެންބަރުން ތިން މަހަށް ސަސްޕެންޑްކޮށްފައިވަނިކޮށެވެ. ކައުންސިލް ސަސްޕެންޑްކޮށްފައިވަނިކޮށް އިއްޔެ ވަނީ އެ ކައުންސިލް މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ޒިންމާދާރުވެރިޔާ، މައިޒާން ފުލުހުން ރޫޅާލާނެ ކަމަށް ބުނެ އިއުލާނެއް ނެރުއްވާފަ އެވެ.

އެތަނުގައި އާންމު މީހެއްގެ މުދަލެއްވާނަމަ ގެންދިޔުމަށް އެ އިއުލާންގައި ބުނެފައިވީ ނަމަވެސް މައިޒާން ރޫޅާލާ ސަބަބެއް ބުނެފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން އެ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މައިޒާން ރޫޅާލުމުގެ މަސައްކަތް ފުލުހުން ކުރިއިރު އެކަމާ ނުރުހުން ފާޅުކޮށް އެ ސަރަހައްދަށް ބައެއް މީހުން އެއްވި އެވެ.