ސިނަ މާލެ ބްރިޖް

ބްރިޖްގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތްތައް ފަށައިފި

Mar 21, 2018
3

ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެއްކޮށް ގުޅައިލުމުގެ ސުޕަ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް އިންސްޓޯލް މަސައްކަތް ފަށައިފި އެވެ.

އެކަން ހާމަކުރެއްވީ މިއަދު ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. މިނިސްޓަރު ވަނީ ބައެއް ފޮޓޯތައް ވެސް ހިއްސާކުރައްވާފަ އެވެ.

ސްޓީލް ބޮކްސް ގާޑާތައް ބަރުކޮށްގެން ޗައިނާއިން ރާއްޖެ ގެނެސްފައިވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ. އެތަކެތި ތައްޔާރު ކޮށްފައި ވަނީ ޗައިނާގަ އެވެ.

މިނިސްޓަރު ސްޓީލް ބޮކްސް ގާޑާތައް އިންސްޓޯލް ކޮށް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ނިމޭނީ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށެވެ. އޭރަށް ސުޕަ ސްޓްރަކްޗާ މާލެއިން ހުޅުލެއަށް އެއްކޮށް ކަނެޓްކޮށް ނިމޭނެ އެވެ.

މާލެއިން ފެށިގެން އައިބީމްއާ ހަމަޔަށް އަޅަން ޖެހޭ ބްރިޖުގެ ޑެކް އަންނަ މޭ މަސް ނިމެންވާ އިރަށް އެއްކޮށް ނިމޭނެ އެވެ. އަދި ވެހިކަލެއް ދުއްވާފައި މައި ތަނބަކާ ހަމަޔަށް ދެވޭ ވަރަށް މޭ މަހުގެ ތެރޭގައި ސުޕަ ސްޓްރަކްޗާ ނިމެނޭ އެވެ.

ބްރިޖްގެ ސުޕަ ސްޓްރަކްޗާ އެކަށް ގުޅާލުމުން ދެން އޮންނާނީ ތާރު އެޅުމާއި އޭގެ މަތީގައި ލައިޓުތައް ޖެހުމުގެ މަސައްކަތެވެ. ފިނިޝިން މަސައްކަތް ނިންމާލުމަށް ފަހު އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖު އަޅާ ނިމި އެ ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. -- ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖު އެޅުމުގެ އަމަލީ މަސައްކަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގަ އެވެ.