ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ހުރިހާ ކަމެއް ރާވައި ހިންގަން އެމްއެންޑީއެފާ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މިއަދު ހަވާލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސްރުގެ ދުވަހަކީ ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދާއި ގައުމަށްޓަކައިވި ގުރުބާނީއާ ވަރަށް ބޮޑަށް ގުޅިފައިވާ ދުވަހަކަށްވާތީވެ، މި އަހަރުން ފެށިގެން ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ އެންމެހާ ކަންކަން އެމްއެންޑީއެފުން ކުރާ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގޮވައިގެން ދިވެހީންގެ ޚާއިނުންގެ ބަޔަކު މާލެއަށް ހަމަލާދިން ދުވަހެވެ. އެދުވަހުގެ ހަމަލާގައި 19 ދިވެހިން ޝަހީދުވެގެން ދިޔަ އެވެ.
ނަސްރުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތައް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެ އެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އަދި އެދުވަހު އެމްއެންޑީއެފުން ވަނީ ސައިލެންޓް ޑްރިލްއެއް ޖުމްހޫރީ މައިދާން ސަރަހައްދުގައި ބާއްވާފަ އެވެ.
މީގެ ކުރިން އެދުވަސް ފާހަގަ ކުރުމުގެ ކަންކަން ރާވަނީ ހޯމް މިނިސްޓްރީންނެވެ.