ހަބަރު

މިއަހަރު 25 އޮޓަމެޓިކް ވެދާ ނިޒާމް ބަހައްޓަނީ

ރާއްޖޭގެ އެކި ހިސާބުތަކުގައ އޮޓަމެޓިކް ވެދާ ނިޒާމްގެ 25 ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިންް ބުނެފި އެވެ.

ދުނިޔޭގެ މޫސުމާބެހޭ ދުވަސް މާދަމާ ފާހަގަ ކުރާތީ މޫސުމާބެހޭ އިދާރާއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނީ ވެދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ނިމި އަންނަ ޖުލައި މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ މަސައްކަތް ކުރަނީ "އެންހޭންސިން ވެދާ އެންޑް ކްލައިމެޓް މޮނިޓަރިން އެންޑް ޑޭޓާ މެނޭޖްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ފޯ ރެޑިއުސިން ވަލްނަރަބަލިޓީ އޮފް ކްލައިމެޓް ޗޭންޖް އިން ދަ މޯލްޑިވްސް" ނަމުގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ތެރެއިންނެވެ.

އޮޓަމެޓިކް ވެދާ ސްޓޭޝަނަކީ މީހުންގެ މަސައްކަތަކާ ނުލައި މޫސުމީ ތަފާސްހިސާބުތައް އެއްކުރާ ނިޒާމެކެވެ. އެ ނިޒާމުގައި އެކުލެވެނީ މޫސުމާބެހޭ މައުލޫމާތުތައް ނަގާ "މީޓިރިއޮލޮޖިކަލް ސެންސާއަކާއި މައުލޫމާތު ރައްކާ ކުރާ "ޑޭޓާ ލޮގާ" އަކާއި ރިޗާޖް ކުރެވޭ ބެޓެރީއަކާއި ސޯލާ ޕެނަލް އެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ސޯލާ ޕެނަލްގެ ބަދަލުގައި ވިންޑް ޓާބައިން ވެސް ބޭނުންކުރެ އެވެ. ދަނޑިއެއްގައި ހަރުކުރާ އެ ނިޒާމަކީ ވަޔާއި އަވިން ގެއްލުންް ނުލިބޭ ގޮތަށް ބަންދުކޮށްފައި ހުންނަ ނިޒާމެކެވެ. އެއްކުރާ މައުލޫމާތު ވަގުތުން ވަގުތަށް ފޮނުވާނީ އެގްރޯސް ސިސްޓަމް ނުވަތަ މުއާސަލާތީ ނެޓްވޯކްގެ ތެރެއިންނެވެ.

މޫސުމާ ބެހޭ އިދާރާގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރާ އެހެން މަސައްކަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކޮށްފައި ވަނީ 53 ކިލޯވޮޓްގެ ބެކަޕް ޕަވާ ނިޒާމެއް ޤާއިމުކުރުމެވެ. އެ ނިޒާމުގެ ބޭނުމަކީ މޫސުމާބެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

މޫސުމާ ބެހޭ އިދާރާއިން މިދިޔަ އަހަރާއި މިއަހަރުގެ މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު ވެސް ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

އެގޮތުން މިއަހަރު އަލަށް ފަށާފައިވާ ކަންކަމުގެ ތެރޭގައި މޫސުމީ މައުލޫމާތު މަންޒަރާއެކު ގެނެސްދިނުމަށް ބޭނުންކުރާ ވެދާ ސްޓޫޑިއޯ ތަރައްގީކޮށް، ހައި ޑެފިނީޝަންގައި ޓީވީ ޗެނަލް ތަކަށް މޫސުން ފޯރުކޮށްދޭން ފެށުން ހިމެނެ އެވެ. އެހެންް މަސައްކަތްތަކުގެ ތެރޭގައި
ދުރާލާ އިންޒާރުދޭ ނިޒާމްގެ ދަށުން ރާއްޖޭގެ މޫސުން ގޯސް ވަމުންދާ މިންވަރު ދެނެގަތުމަށް ބެހެއްޓި ޑޮޕްލާ ވެދަ ރާޑަރު މަރާމާތު ނުކުރެވި ގިނަދުވަސްތަކަކަށްފަހު މަރާމާތުކޮށްގެން ބޭނުންކުރަން ފެށުން ހިމެނެ އެވެ.

މޫސުން ގޯސްވެގެން ނެރޭ އެލާޓް ވައިޓްގެ 231 މެސެޖާއި އެޑްވައިޒަރީ ލެވެލް ޔެލޯގެ 44 މެސެޖް މޫސުމާ ބެހޭ އިދާރާއިން މިދިޔަ އަހަރު ނެރެނެވެ. އެއްކުރި އަދި ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގައި ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް އަށެވެ، އެންމެ ދަށަށް ދިޔައީ 20.2 ޑިގްރީ ސެލްސިއަސް އަށެވެ.

ވައި އެންމެ ގަދަވީ ގަޑިއަކު 57 މޭލު ބާރުމިނަށް އަދި 24 ގަޑިއިރަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ 189 މިލިމީޓަރުގެ ވާރޭއެވެ. ވޭތުވެ ދިޔަ އަހަރު ރެކްޓާ މިންގަނޑުން ހަތެއް ނުވަތަ އެއަށްވުރެ ބާރުގަދަ ބިންހެލުމެއް އިންޑިއާކަނޑުގެ ރާއްޖެ ހިމެނޭ ސަރަޙައްދަށް އައިސްފައެއް ނުވެއެވެ.

ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ އެކިހިސާބުތަކުގެ 29 ސްކޫލަކުން ޖުމުލަ 5905 ދަރިވަރުން، މޫސުމާބެހޭ މަޢުލޫމާތު ލިބިގަތުމަށް މެޓްއޮފީސްތަކަށް ޒިޔާރަތްކުރިއެވެ.