ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން "ބާޣީ" އަކަށް ހަދަން އުޅެނީ ރައީސް ޔާމީން: އަމީތު

Mar 22, 2018
9

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް "ބާޣީއަކަށް" ހެދުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެންފުޅެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައިފި އެވެ.

އެކަމަަށް ރައްދު ދެއްވައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ރައީސް މައުމޫން "ބާޣީއަކަށް" ހެދޭތޯ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"އެކަމެއް ނުވާނެ، ރައީސް މައުމޫންއަކީ ނިޝާން ގާޒީ އިއްޒަތުގެ ވެރިޔާ،" އަމީތު ވިދާޅުވި އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ޒަމާނުއްސުރެ ރައީސް މައުމޫންގެ ވެރިކަމާމެދު ހިތްހަމަ ނުޖެހި އެމަނިކުފާނުގެ އަބުރު ކިލަނބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދެވީ ރައީސް ނަޝީދުކަން ކޮންމެ މީހަކަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގޮޅިއަށް ދާން ޖެހުނީ އެމްޑީޕީ މީހުންގެ ބަދަލުގައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ ގާތް ބޭފުޅުން ކަމަށާއި އެއީ ރައީސް ނަޝީދު، ރައީސް މައުމޫން މަގުފުރައްދާ ދެއްވި ބޮޑު "ލޮޓީ"އެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް ނިހާންއަށް ވަނީ އަމާޒުވެފަ އެވެ. ރައީސް މައުމޫން ހައްޔަރުކޮށްގެން ގެންގުޅުއްވަނީ ރައީސް ނަޝީދު ނޫން ކަމާއި އެމަނިކުފާނު އުމުރުން 80 އަހަރަށްވުރެ މަތިވުމުން ޖަލަށް ގެންގޮސް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގަ ކަމަށް ބުނެ ފާޑުތައް ދަނީ ކިޔަމުންނެވެ. ގިނަ ބަޔަކު ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އެފަދަ އެއްވެސް ކަމެއް ރައީސް މައުމޫންއާ ދޭތެރޭ ނުކުރައްވާކަން ވެސް ދަނީ ފާހަގަކުރަމުންނެވެ.

ރައީސް ނަޝީދާއި ރައީސް މައުމޫން މިފަހުން މަސައްކަތް ކުރައްވަމުން ދަނީ އެކުގަ އެވެ. އަދި އެ ދެ ބޭފުޅުން ވަނީ މާޒީގައި ހިނގާފައިވާ ކަންކަމާ ގުޅޭ ގޮތުން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.