ހަބަރު

އަމާޒަކަށް ވާންވީ ޖީލުތަކަށް ރަނގަޅު ގޮތް ހޯދައިދިނުން: ނަޝީދު

Mar 23, 2018
13

އެންމެންގެ ވެސް އަމާޒަކަށް ވާންވީ އަންނަން އޮތް ޖީލުތަކަށް ރަނގަޅު ގޮތް ހޯދައިދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެންގެވެސް އަމާޒަކަށް އަބަދުވެސް ވާންވާނީ އަންނަން އޮތް ޖީލުތަކަށް ރަނގަޅު ގޮތް ހޯދައިދީ، ދަރިންނާއި ދަރީންގެ ދަރީންނަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ. އެހެންނޫންނަމަ ކުރީގެ ރައީސުންނާއި ސިޔާސީ ބޭނުމަށް މީހުން ޖަލަށް ލުމުގެ ސަގާފަތެއް ނުހުއްޓޭނެ ކަމަށެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާލުވިއިރު އެމަނިކުފާނުވެސް ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ވެސް ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ. އެގޮތުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. ރައީސް މައުމޫން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

މީގެ އިތުރުން އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި އެކި ދައުވާތައް އެކި ބޭފުޅުންގެ މައްޗަށްކޮށް ޝަރީއަތް ނިމެންދެން އެކި ސިޔާސީ ބޭފުޅުން ވަނީ ބަންދުކޮށްފައި އެވެ. އެ ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއިއިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.