ހަބަރު

ގާޒީ ބާރީގެ އިންޒާރެއް: "އަޅައިނުލި މީހުން ރޮއްވާލާނަން"

Mar 23, 2018
40

ހިދުމަތް ހޯދަންދަން އެއާޕޯޓަށް ދިއުމުން ބޭއަދަބީކޮށް އަމަލުކުރާ މުވައްޒަފުންގެ ޝަކުވާ ދައުލަތުގެ އިސްވެރިންނަށް ހުށަހެޅުމުން އެކަމާ އަޅާނުލި ކަމަށާއި އެ ޝަކުވާއާމެދު އަޅާނުލި މީހުން ރޮއްވާލާނެ ކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެ، އާންމު އިންޒާރެއް ދެއްވައިފި އެވެ.

ގާޒީ ބާރީއަށް ދިމާވި ހާދިސާއަކާ ގުޅިގެން ބައެއް މީހުންގެ ނަމާއެކު މިއަދު އޭނާގެ ފޭސްބުކްގައި އެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ، އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ޗެކް ކުރާ ގުރޫޕްގައި އުޅެނީ ވަރަށް ޒާތީ ބައެއް ކަމަށެވެ. ކުރިންވެސް އެތަނުގައި ހުރި މީހަކު ބޭއަދަބީ އަމަލެއް ހިންގައިގެން ދައުލަތުގެ އިސްވެރިންނަށް އޭނާ ޝަކުވާ ހުށަހެޅުއްވެވި ކަމަށެވެ. ނަމަވެސް އެކަމާ އަޅައެއް ނުލި ކަމަށެވެ.

މިހާރު ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާ ބާރީ ވިދާޅުވީ، މިއަދު ވެސް އެތަނުގައި ހުރި މީހަކު ކަންކުރީ ކުރިން ވެސް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި މީހާ ކަންތައް ކުރި ގޮތަށް ކަމަށާއި ނަމަވެސް އެ ވާހަކަ އިސްވެރިންނަށް ދެންނެވުމުން ގޯސްވާނީ އެ ވާހަކަ ބުނާ މީހާ ކަމަށެވެ. އަދި ވިދާޅުވީ، އެ ވާހަކަ ދެންނެވުމުން ކުރާނީ ވެސް މަލާމާތް ކަމަށެވެ. ދެން އޭނާ ދެއްވާފައި ވަނީ އާންމު އިންޒާރެކެވެ. ވިދާޅުވެފައި ވަނީ ކޮންމެ މީހަކަށް ވެސް ދުވަހެއް އަންނާނެ ކަމަށާއި އޭނާގެ ޝަކުވާއާމެދު އަޅާނުލި މީހުން އެ ދުވަހުން ރޮއްވާލާނެ ކަމަށެވެ.

އޭގެ ފަހުން ގާޒީ ބާރީ ކުރެއްވި ޓްވީޓެއްގައި އެއާޕޯޓް މީހުން ފާސްކުރަން ތިބޭ މީހުންގެ އެންމެ އިސްމީހާގެ މައުލޫމާތު އެނގޭ މީހެއްނަމަ އެ މައުލޫމާތެއް ހިއްސާކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.

ގާޒީ ބާރީ މިފަހުން ގެންދަވަނީ ކަންކަމާ ފާޅުގައި ފާޑުވިދާޅުވަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށްވެސް ގޮވާލާފައިވެ އެވެ. އަދި އެ އަމުރު ތަންފީޒުކުރުމަށް އެހެން ކޯޓުތަކުން ގޮވާލައި ބަޔާނެއް ނެރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ގާޒީ ބާރީ ކުރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ވަކި ކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކޯޓުން ބޭރުކޮށް ހުކުމް އިއްވުމުންނެވެ. އަދި މިއަދު މިފަދަ އާންމު އިންޒާރެއް ބާރީ ދެއްވި އިރު މީހުންގެ ފާޑު ކިޔުންތައް އަމާޒުވި ބޮޑެތި ހުކުމްތައް އޭނާ ވަނީ އޭނާގެ އިސް ގާޒީ ކަމުގައި ކުރައްވާފަ އެވެ.