ހަބަރު

ރާއްޖޭގައި ބަނދަރެއް ހަދަން ޗައިނާއިން ޝައުގުވެރިވޭ: ސަފީރު

ރާއްޖޭގައި ބަނދަރެއް ހަދަން ޗައިނާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ބަނދަރެއް ހަދަން ޗައިނާއިން ޝައުގުވެރިކަން ފާޅުކޮށްފައި ވިޔަސް ކަށަވަރުކޮށްފައިވާ ޕްލޭނެއް އެކަަމަށް އަދި ނެތް ކަމަށެވެ. އެއާ އެކު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ހިންގަން ރާވާފައިވާ "އައިހެވަން މަޝްރޫއު"އަށް ޗައިިނާގެ ކުންފުނިތަކުން ޝައުގުވެރިވާ ކަމަށެވެ.

އައިހެވަން މަޝްރޫއުގެ ދަށުން ތަރައްގީ ކުރަން ގަސްދުކުރާ ކަމަށް ސަރުކާރުން ކުރިން ބުނެފައި ވަނީ އެއާޕޯޓަކާއި ކްރޫޒް ހަބަކާއި މެރީނާއަކާއި ޑޮކްޔާޑެކެވެ.

ފައިސަލް ވިދާޅުވީ އައިހެވަންއަކީ (އެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވާ ސަރަހައްދަކީ) ބައިނަލް އަގުވާމީ ވިޔަފާރިއާއި ކަނޑުދަތުކުރާ މަގަށް ބަލާ ނަމަ ބަނދަރެއް ތަރައްގީކުރަން އެކަށީގެންވާ ސަރަހައްދެއް ކަމަށެވެ.

"ބަނދަރުތައް ތަރައްގީކުރަން އަޅުގަނޑުމެންނަށް އެހީތެރިކަން ދޭނެ ފޮރިން އިންވެސްޓްމެންޓްތަކަށް ބަލަމުން މިއަންނަނީ. ހުރިހާ ގައުމަށް ވެސް އަޅުގަނޑުމެން މަރުހަބާކިޔަން. ހަމަ އެކަނި ޗައިނާއެއް ނޫން. އެއީ ހުޅުވާލެވިފައިވާ ދައުވަތެއް،" ފައިސަލް ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.

ރާއްޖޭގައި ޗައިނާއިން މަޝްރޫއެއް ހިންގާ ނަމަ އެންމެ އަބަދުވެސް އެންމެ ކަންބޮޑުވާ ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. އެފަދަ ކޮންމެ ކަމަކާ މެދު އިންޑިއާއިން ދެކެނީ ޗައިނާއިން އަސްކަރީ ގޮތުން އިންޑިއާ ވަށައިލުމަށް ގެންގުޅޭ ކަމަށް އިންޑިއާއިން ބުނާ "ސްޓްރިންގް ޕާލްސް" މަޝްރޫއުގެ ބައެއްގެ ގޮތުގައެވެ. އެކަމަށް ރިއާޔަތްކުރައްވައި ފައިސަލް ވިދާޅުވީ އިންޑިއާއަށް ވެސް ރާއްޖޭން ގިނަ މަޝްރޫއުތަކެއް ދިން ކަމަށެވެ.

"އަޅުގަނޑުމެން ގިނަ މަޝްރޫއުތަކެއް އިންޑިއާއަށް ވެސް ދިނިން. އެކަމަކު އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާއެއް ނުލިބުނު. ޗައިނާއަކީ ގެއްލިގެން އެތައް ދުވަހެއް ވުމަށް ފަހު ފެނުނު ދެބެންގެ ދެދަރި މީހެއް ފަދަ ގައުމެއް. އަޅުގަނޑުމެންނަށް އެހީވާން ތައްޔާރަށް ހުރި،" ފައިސަލް ވިދާޅުވިއެވެ.