ހަބަރު

ގައުމު އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގައި: އިދިކޮޅު

ސަރުކާރުން އަދިވެސް އަމަލު ކުރަމުން ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރަމުން ގެންދިޔަ ގޮތަށް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް އަދިވެސް އޮތީ އެހާލަތުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ފަރާތްތައް މާފުށީ ޖަލަށް ބަދަލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި މާފުށީ ޖަލަކީ ހުކުމް އިއްވާފައިވާ ފަރާތްތައް ބަންދުގައި ބަހައްޓާ ޖަލެއް ކަަމަށެވެ. އަދި އެފަރާތްތަކުގެ ހާލަތު އެއްވެސް ފަރާތްތަކަށް ނޭންގޭ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ. ހައްޔަރު ކޮށްފައިވާ އިދިކޮޅު ފަރާތްތަކާއި އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި ގާނޫނީ ގޮތުން އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ވަކީލުންނާވެސް ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ބޭފުޅުން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ވަނީ ބަދަލުކޯށްފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އިލްހާމް އަހުމަދާއި މެންބަރު އަބްދުﷲ ސިނާނާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

"މިކަންކަމުން އިނގޭ ކަމަކީ ސަރުކާރުން އަދިވެސް ދަނީ ޣައިރު ގާނޫނީ ގޮތުން އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތައް އަމަލު ކުރަމުންކަން، ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް އަމަލުތައް އަދިވެސް ހުރީ އެގޮތަށް، އެހެންވީމަ ނެތް ބުނެވޭކަށް މިގައުމުން ކުއްލި ނުރައްކަލުގެ ހާލަތު އުވުނެކޭ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން ފަހުން މުޅި ގައުމު އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ތެރޭގައި ކަމަށެވެ، އެގޮތުން ރައީސް ޔާމީން ގާނޫނަށް ތަބާނުވުމާއި ގާނޫނު އަސާސީ އަކަށް ތަބާނުވުމާއި ގުޅިގެން މުޅި ގައުމު އަބަދުވެސް އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. އަދި ސަރުކާރުން ހިންގާ ގާނޫނާ ހިލާފް ހުރިހާ ކަމެއް ހުއްޓާލުމަށްފަހު ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް އިންތި ގޮވާލާފައި ވެއެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އަށް އިންޒާރު ދީފައިވާތީ އެކަމާ ގުޅިގެން އިންތި ވިދާޅުވީ، އެމައްސަލައިގެ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށާއި ބައިވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނަން ޖެހޭނެ ކަމަށެވެ.

"މީގެ ކުރިންވެސް މެންބަރުންނަށާއި އެކި ފަރާތްތަކަށް އިންޒާރުދިން މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުނު، ނަމަވެސް ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި އެކަމުގައި ބައިވެރިވި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެވިފައި ނުވުމުން ދޭހަވާ ކަމަކީ ސަރުކާރުގެ ހުދުމުހުތާރުކަން، އަދި ސަރުކާރުން ހިތްވަރު ދީގެން ހިންގާ ޖަރީމާތަކެއް ކަން މިކަންކަމުން ދޭހަވޭ،" އިންތި ވިދާޅުވި އެވެ.