ހަބަރު

ފޯކްލިފްޓް މައްސަލަ ނުނިމި ލަސްވާތީ ގެއްލުންވޭ: ސްޓެލްކޯ

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން އޯޑަރު ކޮށްގެން ގަތް ފޯކް ލިފްޓެއްގެ މައްސަލަ ނުނިމި ލަސްވާތީވެ އެކުންފުނިން ކަންބޮޑުވެއްޖެ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އަބުދުﷲ ނާޒިރު ވިދާޅުވީ، ފޯކްލިފްޓްގެ މައްސަލާގައި ގޮތެއް ނިންމުމަށް ސްުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުނިމި ދިގުދެމިގެންދާތީ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް ދިނުމަށްޓަކައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯއަށް 2010 ވަނަ އަހަރު ޓެންޑާ ކޮށްގެން ގެންނަށް އެއްބަސްވީ ހަ ޓަނުގެ ފޯކްލިފްޓެއް ކަމަށާއި ނަމަވެސް ގެނެސްފައިވަނީ 4.6 ޓަނުގެ ފޯކްލިފެއްޓެއް ކަމަށް ނިޒާރު ވިދާޅުވި އެވެ. އެ ފޯކްލިފްޓް ގެންނަށް ހަވާލުކުރީ ސެންޓަ އެންޓަޕްރައިސަސްއާ އެވެ. އެކުންފުނިން ފޯކްލިފްޓް ގެނެސްފައިވަނީ 1.29 މިލިއަން ރުފިޔާ އަށެވެ.

"ފޯކްލިފްޓް ގެންނަށް ހަވާލުކުރީ ސެންޓަ އެންޓަޕްރައިސަސްއާ، މި ކުންފުނީގައި މުދަލާ ހަވާލުވެވޭ ނުވަތަ ހަވާލު ކުރެވޭ ގޮތްތަކެއް ހުރޭ އެއްބަސްވުމުގައި ކަނޑައެޅިފައި، އެއްބަސްވުމުގައިވާ ގޮތުން ކޮންސަލްޓޭޓިވް ޕްރޯސެސްއެއްގެ ދަށުން އެހަވާލުވާ ގޮތަށް، ނަމަވެސް އެކުންފުނިން ހަތަރު ޓަނުގެ ފޯކްލިފްޓެއް ސްޓެލްކޯ ގޯތި ތެރެއަށް ވެއްދީ ހަވާލު ވުމުގެ އެއްވެސް މަރުހަލާއެއް ނުގެންގޮސް، އޭގެ އަނެއް ދުވަހު ދެންނެވިން އެއީ އެއްބަސްވުމުގައި ބުނެފައިވާ ފޯކްލިފްޓް ނޫން ކަމަށާއި އެ ފޯކްލިފްޓް ސްޓެލްކޯ ގޯތި ތެރެއިން ނެރެދިނުމަށް، ނަމަވެސް އެބޭފުޅުން އެކަމަށް ދެކޮޅު ހެދުމުން ކޯޓަށް މައްސަލަ ވެއްދީ،" ނަޒީރު ވިދާޅުވި އެވެ.

އެމައްސަލާގައި ސުޓެލްކޯއިން ވަނީ އެ ފޯކްލިފްޓް އެ ކުންފުނީގެ އިމާރާތުން ނެރުމަށް 2015 ވަނަ އަހަރު ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ ފޯކްލިފްޓް ހަތް ދުވަހުގެ ތެރޭގައި ނެރުމަށް ސިވިލް ކޯޓުން ސެންޓަ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ. ނަމަވެސް އެއީ ސްޓެލްކޯ އިން ބޭނުންވި ފޯކްލިފްޓް ކަމަށްބުނެ އެ ހުކުމް ވަނީ ހައިކޯޓުން ބާތިލުކޮށްފަ އެވެ.

އެމައްސަލަ ސުޓެލްކޯއިން ފަހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުގައި އޮތީ، ފޯކްލިފްޓާ ހަވާލުވުމަށް ސްޓެލްކޯއިން ދެކޮޅު ހަދާ މައްސަލަ އެވެ. ސްޓެލްކޯއިން އެ ފޯކްލިފްޓާ ހަވާލުވުމަށް ދެކޮޅު ހަދަނީ އެ ފޯކްލިފްޓަކީ އޯޑަރު ދިން ކަހަލަ ފޯކްލިފްޓެއް ނޫން ކަމަށް ބުނެ އެވެ.

"މައްސަލަގެ ގޮތެއް ނިންމާދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ނަމަވެސް ކޯޓުގައި މައްސަލައަށް ގޮތެއްް ނުނިމި މިވަނީ ވަރަށް ބޮޑަށް ލަސްވެފަ. މިހާރު ހަތް އަހަރު މިވީ ޝަރީއަތުގެ މަރުހަލާގައި މިމައްސަލަ އޮންނަތާ، އަދިވެސް ނުނިމި، މިކަމުގެ ގެއްލުންތައް ކުންފުންޏަށް ދަނީ ލިބެމުން،" ނާޒިރު ވިދާޅުވި އެވެ.

ނާޒިރު ވިދާޅުވީ، އެ ފޯކްލިފްޓްގެ ސަބަބުން ސްޓެލްކޯގެ މަސައްކަތްތައް ކުރުމަށް ދަތިވަމުންދާ ކަމަށާއި އެގޮތުން މިހާރުގެ މަސައްކަތްތަކަށް ފޯކްލިފްޓް ބޭނުން ކުރަނީ އެހެން ކުންފުނިތަކުން ކުއްޔަށް ނަގައިގެން ކަމަށެވެ. އަދި އެ ފޯކްލިފްޓް މިހާތަނަށްވެސް ބޭނުން ކޮށްފައިނުވާ ކަމަށާއި އެ ފޯކްލިފްޓް އަދިވެސް އޮތީ ސްޓެލްކޯ އިމާރާތުގައި ކަމަށް ނިޒާރު ވިދާޅުވި އެވެ.

ސްޓެލްކޯއިން ވަނީ އެ ފޯކްލިފްޓް އޮތް ސަރަހައްދު ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެ ފޯކްލިފްޓް އޮތީ ސްޓެލްކޯ އިމާރާތުގެ ގޯތިތެރޭގައި ސަތަރިން ބަންދުކޮށްފަ އެވެ.

ސްޓެލްކޯ އިން އެ ފޯކްލިފްޓާއި ހަވާލު ނުވުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސިވިލް ކޯޓަށް ހުށަހެޅި އެވެ. މައްސަލާގައި ބުނެފައިވަނީ ހަ ޓަނުގެ ފޯކް ލިފްޓެއް ސަޕްލައިކޮށް ދިނުމަށް ސްޓެލްކޯއާއެކު އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަދު ސަޕްލައިކޮށް ދިނުމުން ފޯކް ލިފްޓަށް ދައްކަން ޖެހޭ އަގު ސްޓެލްކޯއިން ދައްކާފައިވާނުވާ ކަމަށެވެ. ދައުވާގައިވާ ގޮތުގައި ފޯކް ލިފްޓްގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ އަގާއި ފައިސާ ދައްކަން ޖެހޭ މުއްދަތަށް ފައިސާ ދައްކާފައި ނުވުމުން ލިބުނު ގެއްލުމާއެކު ޖުމްލަަ 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

ނަމަވެސް އެމައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އެމައްސަލައާ ގުޅޭ އެހެން މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގަމުންދާތީވެ، އެ މައްސަލަ ސުޕްރީމް ކޯޓުން ނުނިމެނީސް މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށެވެ.