އެޕަލްއިން ޓީވީ ޝޯތަކާއި އޮރިޖިނަލް ސީރީޒްތައް ގެނެސްދިނުމަށް ތައްޔާރުވާން ވަނީ ފަށާފަ އެވެ.
އޮންލައިންކޮށް ސްޓްރީމް ކުރެވޭ ގޮތަށް އެޕަލް އިން ފަށާ މި މަސައްކަތް ރަސްމީކޮށް އިފްތިތާހު ކުރާނީ އަންނަ އަހަރު މާޗު މަސް ނުވަތަ އަހަރު މެދުތެރޭގައި ކަމަށް ނިއު ޔޯކް ޓައިމްސްގައި މިހާރު ވަނީ ބުނެފަ އެވެ.
މި ހިދުމަތާބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި އެޕަލް އިން ހާމަކޮށްފައި ނުވި ނަމަވެސް ނިއު ޔޯކް ޓައިމްސްގަައި ބުނެފައި ވަނީ އެޕަލް އިން ވެސް މަސައްކަތްކުރާނީ މަޝްހޫރު ސްޓްރީމިން ސައިޓްތައް ކަމަށްވާ ނެޓްފްލިކްސް އަދި އެމެޒޯން އިން ކަންކުރާ ގޮތަށް ކަމަށެވެ.
އެޕަލް އިން ޓީވީ ޝޯތައް ގެނެސްދޭން ނިންމި ހިސާބުން ފެށިގެން މިހާތަނަށް ވަނީ މަޝްހޫރު ފަންނާނުންނާއެކު ގެނެސްދޭނެ ގިނަ ޝޯތަކާއި އޮރިޖިނަލް ސީރީޒްތަކެއް އިއުލާނުކޮށްފަ އެވެ.
އެގޮތުން ސޮނީ ޕިކްޗާސް ޓެލެވިޒަންގެ ކުރީގެ ދެ ކޯ ޕްރެޒިޑެންޓުން ކަމަށްވާ ޒެކް ވެން އެމްބާގް އަދި ޖޭމީ އާރްލިޗް ވާނީ އެޕަލްއާ ގުޅިފަ އެވެ.
އެ ދެމީހުންގެ ބެލުމުގެ ދަށުން މިހާރު މަސައްކަތް ފަށާފައިވާ ސީރީޒްތަކުގެ ތެރޭގައި "ލާ ލާ ލޭންޑް" ގެ ޑައިރެކްޓާ ޑެމިއެން ޗަޒެލްގެ ސީރީޒްއަކާއި، ސްޓީވެން ސްޕީލްބާގްސް އެންތޮލޮޖީ ސީރީޒް "އަމޭޒިން ސްޓޯރީސް" އާއި، ނައިޓް ޝައިއެމެނަލަންގެ ސައިކޮލޮޖިކަލް ތްރިލާ ސީރީޒެއް ހިމެނެ އެވެ.
މީގެ އިތުރުން މަޝްހޫރު ދެ އެކްޓްރެސް އިން ކަމަށްވާ ޖެނިފާ އެނިސްޓަން އަދި ރީސް ވިދަސްޕޫންގެ މޯނިން ޓޯކް ޝޯއެއް ގެނެސްދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެޕަލް އިން ބުނެފައި ވަނީ އޮރިޖިލަން ކޮންޓެންޓު އުފެއްދުމަށް އެ ކުންފުނިން ކޮންމެ އަހަރު އެއް ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ. އެޕަލް އިން މިހާރު އަންނަނީ ހޮލީވުޑް އާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށް ކޮންޓެންޓު މުއްސަނދިކުރުމަށް މަސައްކަތް ކުރަމުންނެވެ.