ވިޔަފާރި

ދިރާގުން ގުރުއާނާ ބެހޭ މަރުކަޒު ތަކަށް ހިލޭ މެގަ އެކްސެސް ނެޓްވާކް

Mar 27, 2018

ގުރުއާނާ ބެހޭ މަރުކަޒުން ލ. ފޮނަދޫ އާއި ފުވައްމުލަކުގައި ހިންގާ ކޯސްތައް ދިރާގު މެގަ "އެކްސެސް ނެޓްވާކް" މެދުވެރިކޮށް ޑިޖިޓަލް ކްލާސްރޫމްގެ ޒަރިއްޔާ ގުޅާލައިފި އެވެ.

މިހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިރާގުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއެކު ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ބުނީ ކީރިތި ޤުރުއާން ބެހޭ މަރުކަޒުން ފުވައްމުލަކާއި ލ. ފޮނަދޫގައި ޤުރުއާނާ ބެހޭ މަރުކަޒުތަކަށް އެ ކުންފުނިން ހިލޭ ދީފައިވަނީ މާލޭގެ މަރުކަޒުތަކުގައި ކިޔައިދެމުންދާއިރު، ރަށުގައި ތިބެގެން ކްލާސް ރޫމްތަކުގައި ބައިވެރިވޭ ފަދަ ސިސްޓަމެއް ކަމަށެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާ ގެ ދަށުން ފޯރުކޮށްދޭ މިހިދުމަތުގެ ސަބަބުން "ވީޑިއޯ ކޮންފެރެންސިން" މެދުވެރިކޮށް ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. މި ދެ ރަށުގައި ތައުލީމު ހާސިލުކުރަން ބޭނުން ވާ ދަރިވަރުންނަށް ރަށުގަ އިތިބެގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު މި ހިދުމަތުގެ ސަބަބުން ހުޅުވިގެންދާނެ އެވެ. އަދި ޑިޖިޓަލް ކްލާސްރޫމް ޒަރިއްޔާ އިން މާލޭގައި ތިއްބަވައިގެން މުދައްރިސުންނަށް ފިލާވަޅު ނަންގަވައިދެއްވާ ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ވެސް ވަގުތުން ދެއްވޭނެ އެވެ.

ދިރާގުން ބުނީ މި ހިދުމަތުގެ ދަށުން މިފަހަރު ދަރިވަރުންނަށް ތިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި މީގެ ތެރޭގައި އިމާމް ފައުންޑޭޝަން ކޯހާއި އިމާމް ޑިގްރީ ކޯހުގެ އިތުރުން ޤުރުއާން މުދައްރިސް ޑިގްރީ ކޯސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ދިރާގުން ވަނީ ތަފާތު ހަތަރު އަތޮޅެއްގައި ކީރިތި ޤުރުއަނާ ބެހޭ މަރުކަޒަށް މި ހިދުމަތް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި، ޏ. ފުވައްމުލަކާއި ރ .އަލިފުށި އަދި އދ. މާމިގިއްޔާއި ފ.ނިލަންދޫ ހިމެނެ އެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މިފަދަ ތައުލީމާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ދިރާގުން އިސްކަންދޭކަމެކެވެ.