ހަބަރު

އިބްތިހާލްގެ މަރުގެ ދިޔަ ބޭނުންނުވާ ކަމަށް މާމަ ބުނެފި

ވ. ރަކީދޫ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް މާމަ ސާފިޔާ މުހައްމަދު ބުނެފި އެވެ.

ފަސް މަސް ދުވަސް ފަހުން މިއަދު ބޭއްވި ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ އިބްތިހާލްގެ މާމަ އަދި އާފިޔާ މުހައްމަދުގެ މަންމަގެ އެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ވާރިޒުންގެ ހެކިބަސް ނަގަން ނުޖެހޭނެ ކަމަށެވެ. އެއީ މި މައްސަލަ އަކީ މަންމައެއް އަމިއްލަ ދަރިއަކު މަރާލުމުގެ ދައުވާއެއް ކަމުން މަންމަގެ މައްޗަށް މަރުގެ ހުކުމް ނާންނާނެތީ ކަމަށެވެ.

އެކަމަށް ގާޒީ ވިދާޅުވީ، މި މައްސަލަ އަކީ ގާނޫނީ މައްސަލައެއް ނޫން ކަމަށާއި މިއީ ޝަރުއީ މައްސަލައެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ދިޔަ ހޯދަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންދެވޭނީ ސާފިޔާގެ ހެކިބަސް ނަގައިގެން ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ސާފިޔާގެ ބަޔާން ޝަރީއަތަށް ބޭނުންވާ ކަމަށާއި ދައުލަތުން ހުށަހެޅި ނުކުތާ ބަލައިގަނެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އިބްތިހާލްގެ މަރުގެ ދިޔަ ބޭނުންވޭތޯ ސުވާލު ކުރުމުން ސާފިޔާ ބުނީ، އިބްތިހާލްގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. ގާޒީ ވަނީ މަރުގެ ދިޔަ އަކީ ކޮން އެއްޗެއްކަން އިނގޭތޯ ސާފިޔާ ގާތު ސުވާލު ކޮށްފަ އެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ނޭންގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގާޒީ ވަނީ މަރުގެ ދިޔަ ސާފިޔާ އަށް އޮޅުންފިލުވާދީފަ އެވެ. ސާފިޔާއާ އޭގެ ފަހުންވެސް ސުވާލު ކުރުމުން ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. -- މަރުގެ ދިޔަ އަކީ މީހެއްގެ މަރުގެ ބަދަލުގައި ވާރިސުންނަށް ދޭންޖެހޭ ފައިސާ އެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީ ވަނީ އިބްތިހާލްގެ ވާރިސުން އިނގޭތޯ ސުވާލުކޮށްފަ އެވެ. ސާފިޔާ ވަނީ ވާރިސުން ނޭންގޭ ކަމަށް ބުނެފަ އެވެ. ސާފިޔާ ބުނީ، އިބްތިހާލަކީ ބައްޕަ ނެތް ކުއްޖެއް ކަމަށާއި ހަމައެކަނި ތިބެނީ އެއްބަނޑު ދެ ކުދިން ކަމަށެވެ. ނަމަވެސް އެ ދެ ކުދިން އުޅެ ބޮޑުވީ އޭނާ ގާތުގައި ނޫން ކަމުން އެ ދެ ކުދިންނަށް ކިޔާ ނަމެއް ނޭނގޭ ކަމަށެވެ.

"އާފިޔާގެ ދެ ކުދިން ތިބޭ، ނަމެއް ނޭނގެ، އެކުދިން އުޅެ ބޮޑުވީ އަހަރެންގެ ގާތަކު ނޫން، އެއީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް، އެކަކުގެ އުމުރުން ދެ އަހަރު، އަނެއް ކުއްޖާގެ އުމުރުން ތިން އަހަރު، ދެކުދިން ތިބެނީ އެކުދީންގެ ބައްޕަ ކައިރީގަ،" ސާފިޔާ ބުންޏެވެ.

އިބްތިހާލްގެ ވާރިޒުން ކޯޓުން ކަށަވަރު ކުރުމަށް ބޭނުންވާތީވެ، އެފަރާތްތަކުގެ މައުލޫމާތު ދިނުމަށް ގާޒީ އެދުނެވެ. އެގޮތުން ތިން މީހެއްގެ ނަން ސާފިޔާ ވަނީ ޝަރީއަތުގައި ހުށަހަޅާފަ އެވެ. އެ ތިން ފަރާތަކީ ހުސެން މުއާޒާއި އާދަމް ސާމީ އަދި އާދަމް ހުސެއިން އެވެ. އެތިން މީހުންނަކީވެސް ރަކީދޫ ތިން މީހުންނެވެ.

އާފިޔާގެ މައްޗަށް އުފުލާފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލްގެ ކަރަށް ފިތާލައި، ނޭވާ ހާސްކޮށްލައި، އެ ކުއްޖާގެ މޭމަތީގައި ޖަހާފައިވާތީ އާއި އެކަމުގެ ސަބަބުން އެ ކުއްޖާ އެދުވަހު މަރުވެފައިވާތީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އާފިޔާ މީގެކުރިން ބުނެފައިވަނީ އިބްތިހާލު އޭނާގެ ބެލުމުގެ ދަށަށް އައިފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އަނިޔާ ކުރާ ކަމަށާއި އަނިޔާއަށް ކެތް ނުކުރެވިގެން އިބްތިހާލް މަރުވި ދުވަހު ވެސް އަނިޔާ ކޮށްފައިވާނެ ކަމަށާއި ދަރިފުޅު މަރުވީ އޭނާ އަނިޔާކޮށްގެން ކަމަށެވެ. އެގޮތުން ކަރަށް ފިތާލައި މޭމަތީގައި ތިން ފަހަރު ފައިން ޖަހާފައިވާނެ ކަމަށެވެ.