ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް އަންނަ ރިޔާސީ އިންތިހާބާ ހަމަޔަށް ވަޑައިގެންނެވި، އެ އިންތިހާބުގައި ބައިވެރިވެވަޑައިގެން ވާދަ ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ނެރޭ، "ދަ ޑިޕްލޮމޭޓް" ނޫހަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ވެރިކަމުގެ މި ދައުރު ނިމެންދެން އިދިކޮޅު ޕާޓީތަކުން މަޑު ކުރާނީތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި ދެ ހިޔާލެއް އޮންނަ ކަމަށެވެ.
އެއް ގޮތަކީ ދައުރުގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އިންތިގާލީ މަރުހަލާއަކަށް ފަހު އިންތިހަބަކަށް ދިޔުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ރައީސް ޔާމީނަށް ވެސް ރިޔާސީ އިންތިހާބާ ހަމަޔަށް ވަޑައިގެންނެވި އެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގަތުން ކަމަށެވެ.
"މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުން ދަސްވީ އެއް ފިލާވަޅަކީ އެއްވެސް މީހަކު ބޭކާރެއް ނުވާނެކަން، އެންމެން ވެސް މުހިންމު ވާނެކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތް ނަމަވެސް ބޮޑު ތަފާތަކުން ބަލި ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އިދިކޮޅު ޕާޓީތަކުން އަދިވެސް ބުނަމުން ގެންދަނީ ދައުރުގެ ކުރިން ގާނޫނުގެ ތެރެއިން ވެރިކަން ބަދަލު ކުރާނެ ކަމަށެވެ. އެގޮތުން 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ޕްރެޝާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.