މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވިއްކީ އަދި ވިއްކަނީ ވެސް "ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފްކޮށް އެކަން އެންމެ ބޮޑަށް ދިރުވާ" ސިޔާސީ ޕާޓީގެ ގޮތުގަ އެވެ. އެމްޑީޕީގެ އެކްޓިވިސްޓުންގެ މި ޒުވާބުގައި ޑިމޮކްރަސީގެ އަމަޔަކީ އަދި ބަފަޔަކީ ވެސް އެމްޑީޕީ އެވެ. އެމީހުންހާ ސުލްހަޔަށް ލޯބިކުރާ، ވާދަވެރިކަމަށް ފުރުސަތު ދޭ ބަޔަކު ވެސް މި ރާއްޖޭގެ ސިޔާސީ މައިދާނަކު ދެނެއް ނެތެވެ.
ނަމަވެސް ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު އަދި އެންމެ ދޮށީ ޕާޓީގެ އެތެރޭގެ ރޭހެއް ބޯމަތިވާ ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެންނަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ހަގީގީ ޑިމޮކްރަސީއާ ކުރިމަތިލާން ޖެހޭ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް މި ފެންނަނީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ބައިބަޔަށް ބެހި ނިމިގެންދާ ތަނެވެ.
މައްސަލައިގެ އަސްލަކީ ކޮބައިތޯ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދު ނޫން އެހެން ބޭފުޅަކު ޕާޓީގެ އެންމެ މުހިންމު ލީޑަރުގެ ގޮތުގައި ކުރިއަށް ނެރުމަށް ހިފާލާ ކޮންމެ ފަހަރަކީ މި ޕާޓީ އަށް ބޮޑު ބިންހެލުމެއް އަންނަ ފަހަރެކެވެ. ޕާޓީގެ އެންމެ ވަފާތެރި ބޭފުޅުން ޒާތީ ދުޝްމަނުންނަށް ބަދަލުކޮށްލާ ކަމެކެވެ.
މިއަދު ވެސް ފެނިގެން އެ ދިޔައީ މި ދެންނެވި މަންޒަރެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން "ޕާޓީގެ ވިޕުލައިނާ ހިލާފުވެ ވަޑައިގެންނެވި ކަމުގެ ބޯޑު" މޫސަގެ ކަރުގައި އެޅުވުމަށް ފަހު އޭނާ ޕާޓީން ބޭރުކޮށްލާފައި މި ވަނީ ވެސް ނަޝީދާއެކު ވާދަވެރި ރޭހަކަށް ނުކުމެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. ޕާޓީން އާންމުކޮށްފައި އޮތް އެއްބަސްވުމާ މޫސަ ދެކޮޅުހަދާ ހިސާބަށް މައްސަލަ ދިޔައީ ވެސް ހަގީގަތުގައި މި ދަންނަވާ "ވާދަވެރި ރޭހެއް" ގެ މައްސަލަގަނޑު ވެސް ޕާޓީގެ އެތެރޭގައި ކެކިކެކި އޮތްވަ އެވެ.
ފަހަރެއްގައި އެމްޑީޕީ އޮތީ މޫސަ ޕާޓީން ބޭރުކޮށްލާނެ ފުރުސަތަކަށް ބަލަބަލަ އެވެ. އެހެންވެ، "ވިޕު ލައިނާ ހިލާފުވީ" ކަމަށް ނިންމައި ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފާލީ އެވެ.
ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވާނެ ކަމަށް މޫސަ ވިދާޅުވި ހިސާބުން ޕާޓީގެ އެތެރެއިން އޭނާއާ މެދު ދެކޭ ގޮތް އޮތީ މި ކަންތައްގަނޑެއް ހިނގިއިރު ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް މޫސަ އެކަން ފާހަގަކުރައްވާފައިވެ އެވެ.
"އަޅުގަނޑަށް ވެރިކަން ކުރެވޭނެ ވާހަކަ ބުނީމާ ނުވަތަ އަޅުގަނޑު ވެރިކަމަށް ކުރިމަތިލާނެ ވާހަކަ ބުނީމާ އަޅުގަނޑު އުލަށް ޖަހައިގެން ފިހަން ހަދާނެ ކަމެއް ނެތް،" އެ އިންޓަވިއުގައި މޫސަ ވިދާޅުވީ މިހެންނެވެ.
"ގަބޫލުކުރަން ޖެހޭނެ ހަގީގަކީ އަޅުގަނޑަށް ތާއީދުކުރާ މީހުން ވެސް އުޅޭނެ. ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ވެސް އުޅޭނެ. އަޅުގަނޑު އެ ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ އަސަރުކުރާނެ ބަޔަކު ވެސް އުޅެފާނެ. އެމްޑީޕީ ތެރޭ ހިތްހަމަނުޖެހޭ ބަޔަކު ވެސް އުޅެފާނެ."
މޫސައާ މެދު ހިތްހަމަނުޖެހޭ މީހުން އެމްޑީޕީގެ އެތެރޭގައި ތިބި މިންވަރު މިއަދު ހާމަވެގެން ހިގައްޖެ އެވެ.
އެމީހުންނަށް ވެސް ޖެހިވަޑައިގަތީ މޫސަ އަށް ޖެހިވަޑައިގެންނެވި ހާލެވެ. އެއް ބަޔަކު ޕާޓީން ވަކިކޮށް އެއްލާލީ އެވެ. އަނެއް ބަޔަކު އަމިއްލަ އަށް އިސްތިއުފާ ދޭން މަޖުބޫރުވާ ހާލަތަށް ކަންތައް ގެންދިޔައީ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއިލް (އިބުރާ) ގެ ވާހަކައިން ފަށަމާ ހިނގާށެވެ. އެމްޑީޕީގެ ނިކަން ބޮޑު ވަފާތެރިއެއްގެ ގޮތުގައި ފެނިވަޑައިގެންނެވި އިބުރާ ވެސް އޭރު އެ ޕާޓީން ވަކިވެ ވަޑައިގަތީ ނަޝީދުއާ ހިޔާލުތަފާތުވެ ވަޑައިގެން ޕާޓީ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
އެ ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވި ޑރ. މުހައްމަދު މުނައްވަރު ވެސް ޕާޓީން އަމިއްލަ އަށް އިސްތިއުފާ ދެއްވީ އެވެ. މިތަނުގައި ވެސް ފާހަގަކޮށްލަން ޖެހެނީ ނަޝީދާ ހިޔާލުތަފާތުވެ ވަޑައިގެންނެވި ކަމެވެ.
މުނައްވަރާއި އެމްޑީޕީއާ ދެމެދު ވެސް މައްސަލަ ޖެހުނީ އެމްޑީޕީގެ ރިއާސީ ޕްރައިމަރީއެއްގައި ނަޝީދާ ވާދަކުރެއްވި ހިސާބުންނެވެ. އެހެންވީމަ އެމްޑީޕީގައި ނަޝީދާ ވާދަކުރެއްވުން މި އޮންނަނީ އޮޓޮމެޓިކުން ޕާޓީން ވަކިވާ ފެންވަރުގެ ކުށަކަށް ވެފައެއް ނޫން ހެއްޔެވެ؟
ދެން މި އަންނަނީ ވެސް އެމްޑީޕީގެ ރައީސެއްގެ ވާހަކަ އެވެ. އެމްޑީޕީގައި ރައީސްކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެވެ. ޑީޑީއާ އެކު އޭރު ޕާޓީގެ ނާއިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވެސް ވަނީ ޕާޓީން ބޭރުކޮށްލައިފަ އެވެ.

އަލްހާނާއި ޑީޑީ ޕާޓީން ބޭރުކޮށްލިއިރު، އެމްޑީޕީން އަނެއްކާވެސް ރިއާސީ ރޭހަށް ނަޝީދު ނެރުމާ މެދު އަލްހާނާއި ޑީޑީގެ ހިޔާލު ޕާޓީއާ އޮތީ ތަފާތުވެފަ އެވެ. އަލްހާނަކީ އެމްޑީޕީ އިން ނަޝީދުގެ ބަދަލުގައި އެހެން ލީޑަރަކު ރޭހަށް ނެރުމަށް ބާރު އެޅުއްވި ބޭފުޅެކެވެ.
އެހެންވީމަ ނަޝީދާ ދެކޮޅަށް އެމްޑީޕީގެ އެތެރޭގައި ހިޔާލު ފާޅުކުރާ މީހާ މި ވަނީ ވަގުތުން ކުށްވެރި އެވެ. އެމީހެއްގެ އިތުބާރު ގެއްލި "މައުމޫނު" ގެ ނުވަތަ "ޕީޕީއެމް" ގެ ވަފާތެރިޔަކަށް ބަދަލުވެގެން ދަނީ އެވެ.
މިވަރުން ކަންތައް ދާ ނަމަ ޕީޕީއެމުން ހެދި ގޮތަށް "ޕާޓީގެ ޒައީމު" ގެ ގޮތުގައި ނަޝީދު އިއުލާނުކުރައްވަންވީ ނޫންތޯ އެވެ؟
ހަގީގަތަކީ އެމްޑީޕީ އަކީ ނަޝީދު ޖައްސަވާހާ ބެރަކަށް އެނބުރޭ ސިޔާސީ ބައިގަނޑެއް ކަމެވެ. ކުރީގެ ރައީސް އަދި ނަޝީދުގެ އެންމެ ބޮޑު ވާދަވެރިޔާ މައުމޫން އަބްދުލްގައްޔޫމު ވަށައިގެން އޭނާގެ ވަފާތެރިން އެނބުރޭ ގޮތަށެވެ.
ތަފާތަކީ ދެ ޕާޓީގެ ކުލަ އެކަންޏެވެ.