ހަބަރު

އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ގާނޫނުއަސާސީއާ ހިލާފު: ވަކީލުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކުރިތާ 50 ދުވަސްވުމާއި ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަލާމަތީ ހިދުމަތްތަކުން ހައެއް ފެބްރުއަރީގައި ގާނޫނާ ހިލާފަށް އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަށްފަހު، އެ މަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ނުކުރީ ރައީސް އަބުދުﷲ ޔާމީން ނެރުއްވި ކުއްލި ނުރައްކަލު ހާލަތުގެ ގަރާރުގައި އެ ހައްގު ހިފަހައްޓާފައި ވާތީ ކަމަށް ފުލުހުން އެއިރު އުއްތަމަ ފަނޑިޔާރަށް އަންގާފައި ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ނާންނަނީސް، އުއްތަމަ ފަނޑިޔާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށް ބުނެ ފުލުހުން ވަނީ އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފަ އެވެ.

"ޝަރީއަތުގެ މަޖިލީހަށް ވެންނެވުމުން، އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި، އެދުވަހުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރުން ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހައްގުތަކާއި ގާނޫނުތަކުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އާއި ކްރިމިނަލް ކޯޓުން ބޭނުން ގާނޫނުތައް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގަން ގާނޫނުއަސާސީއާ ހިލާފަށް ނިންމުމަށްފަހު،" ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވީ، ކުއްލި ނުރައްކަލު ހާލަތު އިއުލާނުކޮށްފައިވާ ގަރާރުން ހިފައްޓާފައިވާ ހައްގުތަކާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ލިބޭ ހަމައެކަނި ފަރާތަކީ ރައީސް ޔާމީިން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން އެފަދަ ނިންމުމެއް ނިންމަވައި އިއުލާން ނުކުރައްވާނިސް، ޕްރޮސެކިއުޓާ ޖެނެރަލަށް ނުވަތަ ދަށު މަރުހަލާގެ ކޯޓަކަށް އެފަދައިން އެގަރާރަށް ނުސީދާކޮށް ބަދަލުގެނެވިދާނެ ކަމަކަށް އުއްތަމަ ފަނޑިޔާރު ގަބޫލު ނުކުރައްވާ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވީ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތަކުގެ ސަބަބުން އަދަބު ދެވޭނެ ބައެއް ނޫން ކަމަށް ކަނޑައަޅައި ރައްކާތެރިކަން ގާނޫނީ ގޮތުން ލިބިދީފައިވާ ބައެއް ކަމަށެވެ. ނަމަވެސް އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރާ ގުޅިގެން ގާނޫނުއަސާސީއާ ހިލާފަށް އުއްތަމަ ފަނޑިޔާރު ވަނީ ބަންދުކޮށް ޖަލުގައި ބަހައްޓާފައި ކަމަށް ވަކީލުން ވިދާޅުވި އެވެ.

"އުއްތަމަ ފަނޑިޔާރު މާފުށި ޖަލަށް ބަދަލުކުރުމަށް ފަހު އެމަނިކުފާނު އެތަނުގައި ބަހައްޓާފައި ހުންނަނީ އެހެން އެއްވެސް އިންސާނެއް ނުފެންނަ ގޮތަށް ސޮލިޓަރީ ކޮންފައިންމަންޓެއްގައި، މިއީ ދިރާއްޖޭގައި އަމަލުކުރަމުންދާ އެންޓި-ޓޯޗާ ގާނޫނު 2013 ގެ 14 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ޓޯޗާގެ އަމަލެއް، މިއީ ގަސްތުގައި އުއްތަމަ ފަނޑިޔާރަށް އަނިޔާ ދިނުމުގެ ނިޔަތުގައި ހިންގާ ލާއިންސާނީ އަމަލެއް،" ވަކީލުންގެ ބަޔާނުގައި ވެއެވެ.

ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި އުއްތަމަ ފަނޑިޔާރު ހުންނަވާއިރު، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ވަކީލުން ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުނަށް ލިބިދީފައިވާ ރައްކާތެރިކަމާއި އިމްތިޔާޒުތަކަށް އިހްތިރާމްކޮށް، އުއްތަމަ ފަނޑިޔާރު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް ދިވެހި ސަރުކާރަށް ވަކީލުން ވަނީ ގޮވާލާފައި ވެއެވެ.

އުއްތަމަ ފަނޑިޔާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އޭގެއިތުރުން ވަކި ގޮތަކަށް ހުކުމް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓަރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވަނީ އުއްތަމަ ފަނޑިޔާރަށް އުފުލާފަ އެވެ. ދެން އުފުލާފައިވަނީ އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އެ ދައުވާ ކުރަނީ ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. މި ދައުވާތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.