ހަބަރު

ރާއްޖޭގެ ފުރަތަމަ ތްރީޑީ ލެޕަރޮސްކޯޕިކް ސާޖަރީ އޭޑީކޭގައި ހަދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޑީ ލެޕަރޮސްކޮޕިކް ސާޖަރީއެއް އޭޑީކޭގައި އިއްޔެ ހަދައިފި އެވެ.

ހަށިގަނޑުގެ ކުޑަ ތަންކޮޅެއް ކަފައިގެން އޮޕަރޭޝަން ކުރާ ގުނަވަނުގެ ތެރެ ލެޕަރޮސްކޮޕް ނުވަތަ ފައިބާ އޮޕްޓިކް 3ޑީ ކެމެރާއެއް ބޭނުންކޮށްގެން އޮޕަރޭޝަން ކުރުމަކީ ޒަމާނީ ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ އޮޕަރޭޝަންކުރުމުގެ މަގުބޫލު ޓެކްނިކެކެވެ. މިއީ ހާއްސަކޮށް ދަށްބަނޑު ނުވަތަ ހާނިއާ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އޮޕަރޭޝަނަލް ޕްރޮސީޖާ އެކެވެ. ލެޕަރޮސްކޮޕިކް އޮޕަރޭޝަނެއްގެ އެންމެ ހާއްސަ އަނެއް ސިފައަކީ ކަފާ ތަންކޮޅު ކުޑަވުމުން އޮޕަރޭޝަނަށްފަހު ބަލިމީހާ ފަސޭހަވާން ނަގަނީ ކުރު މުއްދަތެކެވެ. އަދި އޮޕަރޭޝަނަށްފަހު އަޅާވޭން އެތައް ގުނައެއް ކުޑަކޮށްދެ އެވެ.

ރާއްޖޭގެ ފުރަތަމަ 3ޑީ ލެޕަރޮސްކޮޕިކް ސާޖަރީ އިއްޔެ ކުރިއަށްގެންދިޔައީ އޭޑީކޭގެ "ސަންރައިޒް" ތިއޭޓަރުގަ އެވެ. އެއީ 3 ގަޑި އިރުގެ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ފުރިހަމަކަމާއެކު ނިންމާލެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މަރުހަބާ ވިދާޅުވެ އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.

އައްފާލް ހިއްސާކުރައްވާފައިވަނީ އޮޕަރޭޝަން ކުރަމުންދިޔަ ގަޑީގެ ފޮޓޯތަކެކެވެ. އެ ފޮޓޯތަކުން އޮޕަރޭޝަންކުރަމުންދިޔަ ބަލިމީހާގެ ހަށިގަނޑުގެ އެތެރެ ކުލަކޮށް ތްރީޑީކޮށް ދައްކާލާފައިވެ އެވެ.

ހާލުބޮޑު ބަލިމީހާގެ އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ޑޮކްޓަރުން ނިންމާލީ ކެމެރާއިން ފޮނުވަމުންދިޔަ ވީޑިއޯގެ އެހީތެރިކަމާއެކު ވަރަށް ޔަގީންކަމާއެކު ކަމަށް އައްފާލް ވިދާޅުވި އެވެ.

"އޭޑީކޭއިން ރާއްޖެއަށް ދެން ތައާރަފްކުރާނީ ތާޝަރީއެއް ނޫން، ކުއާޓަނަރީ ހިދުމަތްތަކެއް، ދިވެހި ރައްޔިތުންނަށް ޒަމާނީ ފަރުވާ ކަށަވަރުކުރުމަށް އޭޑީކޭ އަބަދުވެސް އޮންނާނީ ކުރީގައި،" އޭޑީކޭގައި މިމަހުގެ 15 ވަނަ ދުވަހު ހުޅުވި "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ [ހައިޓެކް]" ތިއޭޓާ ކޮމްޕްލެކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އައްފާލް ވިދާޅުވި އެވެ.

ހިތުގެ ބަލިތަކަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފަރުވާދޭ ހާއްސަ ކެތު ލެބެއް ހިމެނޭ ގޮތަށް އަލްޓްރާ މޮޑާން މެޝިނަރީތަކާ ޓެކްނޮލޮޖީއާއެކު އޭޑީކޭން ހުޅުވި ތިން އޮޕަރޭޝަން ތިއޭޓަރު ފަރުމާކޮށްފައިވަނީ އާޓިސްޓިކް ކުރެހުންތަކާއެކު ގުދުރަތީ ތީމްތަކަކަށެވެ.