ބޮލީވުޑް

"އާޝިގީ 3" ގައި އާލިއާ އާއި ވަރުންގެ ޖޯޑު

Apr 2, 2018

"އާޝިގީ" ސިލްސިލާގެ ތިން ވަނަ ފިލްމެއް އުފައްދާކަން އިއުލާންކުރި ހިސާބުން އެންމެ ގަދަޔަށް ދެކެވެމުން އައި ވާހަކައަކީ ބޮލީވުޑްގެ އެންމެ ލޯބި ޒުވާން ޖޯޑު ކަމަށްވާ ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ވާހަކަ އެވެ.

އާލިއާ އާއި ސިދާތްގެ މި ފިލްމަށް ބެލުންތެރިން އިންތިޒާރުކުރަމުން ދިޔަނަމަވެސް އެ ޖޯޑުގެ މި ފިލްމުން ފެނުމުގެ ނަސީބެއް މިހާރަކު ނެތެވެ. ސިދާތްގެ ބަދަލުގައި އާލިއާ އާއެކު މި ފިލްމުގައި ފެނިގެންދާނީ އޭނާ އާއެކު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ވަރުން ދަވަން އެވެ.

އާލިއާ އާއެކު ސްޓޫޑަންޓް އޮފް ދަ އިޔާއިން ބޮލީވުޑަށް ނިކުތް ވަރުން އާއެކު ވަނީ މިހާތަނަށް ކާމިޔާބު ތިން ފިލްމެއް ކުޅެފަ އެވެ.

"އާޝިގީ 3" އުފައްދާ ޕްރޮޑަކްޝަން ކުންފުނީގެ ގާތްފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ބަތަލުގެ ރޯލު ކުޅެން ވަރުން ހަމަޖައްސައި އޭނާ ވަނީ ފިލްމު ކުޅެން އެއްބަސްވެ ސޮއި ވެސް ކޮށްފަ އެވެ.

މި ފިލްމު އުފައްދާ ވިޝޭޝް ފިލްމުން ވަރަށް އަވަހަށް ފިލްމުގެ ތަރިން ހާމަކުރާނެ އެވެ. އާލިއާ އާއެކު ބަތަލުގެ ރޯލު ކުޅެން ވަރުން ހަމަޖެއްސީ މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ކެމިސްޓްރީ އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުންނެވެ.

"އާޝިގީ" އާއި "އާޝިގީ 2" ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ ފިލްމުގެ ލަވަތައް ރީތިވުމުގެ ސަބަބުންނެވެ. "އާޝިގީ 3" ގެ ލަވަތަކަކީ ވެސް ތަފާތު ރީތި ލަވަތަކަށް ހެދުމަށް ފިލްމު އުފައްދާ ޓީމުން އަންނަނީ މަަސައްކަތް ކުރަމުންނެވެ.

"އާޝިގީ" އަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓް 1990 ވަނަ އަހަރު ޑައިރެކްޓް ކުރި ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލް ކުޅުނީ ރާހުލް ރޯއި އާއި އަނޫ އަގަރްވާލެވެ. އެ ފިލްމު ރިލީޒްކުރިތާ 23 އަހަރު ފަހުން ނިކުތް "އާޝިގީ 2" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރެވެ.

"އާޝިގީ 3" ވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިލްމު ޑައިރެކްޓްކުރި މޯހިތު ސުރީ އެވެ.