ރާއްޖެ ކުޅިވަރު

ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މާލޭގައި އިތުރު ޓާފް ދަނޑެއް އަޅަނީ

ފީފާ ގޯލް ޕްރޮޖެކްޓްގެ ދަށުން މާލޭގައި އިތުރު ޓާފް ދަނޑެއް އެޅުމަށް މާފަންނު ސްޓޭޑިއަމްގެ ތިން ނަމްބަރު ދަނޑު ކުޅިވަރާ ބެހޭ މިނިސްޓްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދީފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން އެފްއޭއެމް އަށް މިހާރު އޮތް ޓާފް ދަނޑަށް ޖެހިގެން، ކަޅުތުއްކަލާ ކޮއްޓާ ދިމާލަށް އޮންނަ ވެލި ދަނޑު ދިނީ 50 އަހަރުގެ މުއްދަތަކަށެވެ. ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމް އަށް ތިން ނަމްބަރު ދަނޑު ދިނުމުގެ އެއްބަސްވުމުގައި މިއަދު ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ނޯމަލައިޒޭޝަން ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދެވެ.

މަލީހު ވިދާޅުވީ މާފަންނު ސްޓޭޑިއަމްގެ ތިން ނަމްބަރު ދަނޑުގައި ޓާފް ދަނޑެއް އެޅި ނަމަވެސް، ވަކި ގަޑިތަކެއްގައި އާންމުނަށް އެ ދަނޑު ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން އެފްއޭއެމް އިން ދީފައިވާ ކަމަށެވެ.

ޝަވީދު ވިދާޅުވީ މި ދަނޑު ހެދުމަށް ފީފާ އިން ބަޔަކު ކަނޑައަޅައި، މަސައްކަތް ފެށާތާ ފަސް ވަރަކަށް މަހުގެ ތެރޭގައި ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ޝަވީދު ވިދާޅުވީ ފީފާގެ ގޯލް ޕްރޮޖެކްޓްގެ ދަށުން މި އަޅާ ދަނޑާއެކު، ރާއްޖެ އަށް ގޯލް ޕްރޮޖެކްޓްގެ ދަށުން އިތުރު އެހީތައް ލިބޭނެ ކަމަށެވެ.