ހަބަރު

މާލޭގައި ބަނގުރާ ގުދަންކޮށް ވިއްކުމުގެ ތުހުމަތަށް ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ގިނަ އަދަދެއްގެ ބަނގުރާ ގުދަންކޮށްގެން އެތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތަށް ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެމީހުން ހައްޔަރު ކުރީ އިއްޔެގައި ހިންގި އޮަޕރޭޝަނެއްގައި ކަމަށާއި އެ އޮޕަރޭޝަނުގައި އިއްޔެ ހިންގި މާލޭގެ ގެއަކުން 400 އަށް ވުރެ ގިނަ ފުޅި ބަނގުރަލާއި 80 އަށް ވުރެ ގިނަ ބިޔަރު ދަޅުވެސް އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތި މާލެ ގެނެސް ގެއެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ މައްސަލަގައިގައި ހައްޔަރުކުރީ ހަތަރު ދިވެއްސަކާއި ދެ ބިދޭސީއެކެވެ. އޭގެ ތެރެއިން ބިދޭސީ ދެމީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބައެއް ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ އެކްޓިން ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ ހައްޔަރުކުރި ދިވެހިންނަކީ މާރާމާރީ އާއި ބަނގުރަލުގެ މައްސަލަތަކުގެ ރެކޯޑް ކުރިން އޮންނަ ބައެއް ކަމަށެވެ. އަދި ވިދާޅުވީ ރަލާއި ބިޔަރު ދަޅުތައް ފެނުނު ގެއަކީ އެ މީހުން އެ ތަކެތީގެ ވިޔަފާރި ކުރަން ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށެވެ. އެ ތަކެއްޗަކީ ހުޅުމާލޭގައި ހުންނަ ބޮންޑެޑްވެއާ ހައުސްއިން ސަފާރީއަކަށް ދޫކުރި ތަކެތިކަން މިހައިތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރަޖްނީ ވިދާޅުވީ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ރަލާއި ބިޔަރުގެ ވިޔަފާރި ކުރުމަށް ދޭ ހުއްދައިގެ ބޭނުން ބައެއް ފަރާތްތަކުން ނާޖާއިޒް ގޮތުގައި ހިފައިގެން މާލެ އާއި އެހެން ރަށްރަށުގައި އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމުގައި ބޭނުން ކުރަނީ އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުންހުރި އުޅަނދު ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަފާރީ އޮޕަރޭޓަރުންނާއި ލޯންޗް ފަހަރުތަކުގެ ވެރި ފަރާތްތަކުން މިކަންކަމަށް ސަމާލުވެ، މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު މި ފުރުސަތުގައި އިލްތިމާސް ކުރަން،" ރަޖްނީ ވިދާޅުވި އެވެ.