ހަބަރު

މަޖޫރީންނަށް ނެގޭނެ އަގު ސަރުކާރުން ކަނޑައަޅައިފި

މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ބޮޑެތި އަގުތައް ނަގާ ކަަމަށް ބުނެ އެ މަސައްކަތުގެ އަގު ސަރުކާރުން މިއަދު ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި މިއަދު ޖެހި އިއުލާނެއްގައި ބުނީ މާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމުން މުދަލުގެ އަގު ބޮޑުވާ ގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ. މުދާ ހުސް ކުރުމަށް ނެގޭނެ އެންމެ ބޮޑު އަގު ކަނޑައެޅީ މުދާ ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަައް ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީއަށް ލިބިގައިވާ ބާރުގެ ދަށުން ކަމަށް ވެސް ބުންޏެވެ.

މުދާ ހުސްކުރުމަށް ކަނޑައެޅި އަގުތައް

ހެނދުނު 6:00 އިން ރޭގަނޑު 12 އަށް

ބިއްލޫރި ޝީޓް ފިޔަވައި އެހެން ބާވަތްތައް:

20 ފޫޓް ކޮންޓެއިނާއެއް :2500 ރުފިޔާ
40 ފުޓް ކޮންޓެއިނާއެއް: 5000 ރުފިޔާ

ބިއްލޫރި ޝީޓް

20 ފޫޓް ކޮންޓެއިނާއެއް: 4000 ރުފިޔާ
40 ފުޓް ކޮންޓެއިނާއެއް: 7000 ރުފިޔާ

މެންދަމު 12:00 އިން ހެނދުނު 6:00 އަށް

ބިއްލޫރިޝީޓް ފިޔަވައި އެހެން ބާވަތްތައް

20 ފޫޓް ކޮންޓެއިނާއެއް : 4500 ރުފިޔާ
40 ފުޓް ކޮންޓެއިނާއެއް: 7000 ރުފިޔާ

ބިއްލޫރި ޝީޓް

20 ފޫޓް ކޮންޓެއިނާއެއް: 4500 ރުފިޔާ
40 ފޫޓް ކޮންޓެއިނާއެއް: 7500 ރުފިޔާ

އެއް ކޮންޓެއިނާގައި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ގެންނަ މުދާ ވަކި ވަކިން ހުސްކުރުމަށް ވެސް މިނިސްޓްރީން ވަނީ އަގު ކަނޑައަޅާފައެވެ. އެގޮތުން ބިއްލޫެރި ޝީޓް ފިޔަވައި އެހެން ބާވަތްތަކުން އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް ނެގޭނީ 250 ރުފިޔާއެވެ. އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 175 ރުފިޔާއެވެ.

ބިއްލޫރި ޝީޓަށް އަގު ނެގޭނީ އެއް ކިއުބިކް މީޓަރުން ފެށިގެން ފަސް ކިއުބިކް މީޓަރާ ހަމަައަށް 250 ރުފިޔާ އަދި ހަ ކިއުބިކް މީޓަރުން ފެށިގެން 10 ކިއުބިކް މީޓަރާ ހަމައަށް 200 ރުފިޔާއެވެ.

މާލޭގައި މުދާ އުފުލާ ބޮޑެތި އުޅަނދުތައް ދުއްވޭނީ ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ކަމަށް ސަރުކާރުން ކަނޑައެޅުން މަޖޫރީން ވަނީ އިހުތިޖާޖުކޮށްފައެވެ. އެގޮތުން މަސައްކަތް ނުކޮށް ތިބުމަށް ފަހު އަލުން މަސައްކަތް ފެށި އިރު މުދާ ހުސްކޮށްދޭ އަގުތައް އެމީހުން ބޮޑުކުރިއެވެ. އެކަން އެހެން ވުމުން ސަރުކާރުން ވިޔަފާރިވެރިންގެ އިތުރުން މަޖޫރީންނާ ވެސް މަޝްވަރާ ކުރިއެވެ.