ހަބަރު

އިންޑިއާ ޑިފެންސް އެކްސްޕޯއަށް ވެސް ރާއްޖޭން ވަފުދެއް ނުފޮނުވި

މިހިނގާ އޭޕްރީލްމަހު އިންޑިއާއިން ބާއްވާ ޑިފެންސް އެކްސްޕޯއަށް ރާއްޖޭން މިނިސްޓަރުންގެ ފެންްވަރުގެ ވަފުދެއް ނުފޮނުވާނެކަން އަންގާފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. އިންޑިއާގެ ޑިފެންސް އެެކްސްޕޯ ބާއްވާނީ އޭޕްރީލްމަހުގެ 11 އިން 14 އަށް ތިރުވިދަންތާއީ ނަމަކަށް ކިޔާ ރަށުގައެވެ. ތިރުވިދަންތާއީއަކީ ދެކުނު އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ ކައިރީގައިވާ ރަށެކެވެ.

އިންޑިއާ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ގިނަ ގައުމުތައް ބައިވެރިވާ އެ ހަރަކާތަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރަށް ވަޑައިގެންނެވެން ނެތީ އެ ދުވަސްވަރާ ދިމާކޮށް އޭނާ ރާއްޖޭން ބޭރަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވާތީ ކަމަށެވެ. އެނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައި ވަނީ އެ އެކްސްޕޯގައި ބައިވެރިވާން ޗައިނާއަށް ވެސް ދައުވަތު ދީފައިވާކަމަށާއި އެގައުމުން އަދި ޖަވާބެއް ނުދޭ ކަމަށެވެ.

އިންްޑިއާގެ ޑިފެންސް އެކްސްޕޯގައި 677 ފަރާތަކުން އުފެއްދުންތައް ދައްކައިލާނެއެވެ. އޭގެ ތެރޭގައި ހަތިޔާރު އުފައްދާ 154 ކުންފުންޏެއް ވެސް ހިމެނޭނެއެވެ. އުފެއްދުންތައް ދައްކާލާ ފަަރާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން ރަސްމީ 47 ވަފުދުވެސް އެހަރަކާތުގައި ބައިވެރިވާނެއެވެ.

" މީގެ ތެރޭގައި މިނިސްޓަރުންގެ ފެންވަރުގެ 18 ވަފުދެއް ވެސް ހިމެނޭ،" އިންޑިއާ ސަރުކާރުގެ އޮފިޝަލް ވިދާޅުވި ކަމަށްް ނޫހުގައި ވެއެވެ.

އިންޑިއާއިން މިދިޔަ އަހަރު ބޭއްވި ޑިފެންސް އެކްސްޕޯގައި ބޭރުގެ ކުންފުނިތައް ބައިވެރިވި ވަރަށް ވުރެ މިއަހަރުގެ އެކްސްޕޯގައި ބައިވެރިވި ކުންފުނިތައް ބައިވެރިވި މިންވަރު ވަނީ 10 ޕަސެންޓުން މަދުވެފަ އެވެ.

އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގައި އިންޑިއާއިން ބޭއްވި އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވާން ދިން ދައުވަތަށް ވެސް ރާއްޖޭން އިޖާބަދީފައެއް ނުވެއެވެ. ސަރުކާރުން އޭރު ބުނީ އެ ތަމްރީނުތަކަށް ސިފައިން ފޮނުވެން ނެތީ ރާއްޖޭގައި ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުުރު ތަންފީޒު ކުރަން އިންޑިއާއިން ބާރު އެޅުމާއި އެއާ ގުޅިގެން ހިންގި ކުއްލި ނުރައްކަލުގެ ހާލަތު އުވައިލަން ގޮވައިލުން ފަދަ ކަންތައްތަކާ ހެދި ދެގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖެއިން އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއް އަނބުރާ ފޮނުވާލަން ވެސް މިހާރު ވަނީ ނިންމާފައެވެ.