ހަބަރު

އިންތިހާބާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާ ކުރުން ފަސްކޮށްފި

އަންނަ ރިޔާސީ އިންތިހަބާ ގުޅޭ ގޮތުންނާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއެކު އިލެކްޝަން ކޮމިޝަން (އީސީ) އިން ބާއްވަން އުޅުނު ބައްދަލުވުން ފަސްކޮށްފި އެވެ.

އީސީ އިން އިއްޔެ ބުނީ އިންތިހާބާ ގުޅިގެން ޕާޓީތައް މޮނިޓާކޮށް ރެގިއުލޭޓްކުރާނެ ގޮތްތަކާ ގުޅޭގޮތުންނާއި އިންތިހާބު ކުރިއަށްދާނެ ގޮތާއި އެ ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް މިއަދު 10:00 އަށް ޕާޓީތަކަށް ހިއްސާ ކުރުމަށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް މިއަދު އެ ބައްދަލުވުމެއް ބާއްވާފަައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާ ކަމަށާއި އެގޮތުން ކުރިޔަށް ވުރެ ގިނަ ވަގުތު އެ ބައްދަލުވުމަށް ހޭދަކޮށްގެން ބިނާ ކުރެނިވި މަޝްވަރާތަކެއް ކުރުމަށް އުންމީދު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ބައްދަލުވުން އަންނަ ހަފްތާއަށް ފަސްކޮށްފައި، މި ބަލަނީ ވީހާ ވެސް ގިނަ ވަގުތުތަކެއް ބައްދަލުވުމަށް ދީގެން ކުރިޔަށް ގެންދެވޭތޯ،" އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓިތަކާއެކު ކުރިއަށްގެންދަން ނިންމާފައިވާ ބައްދަލުވުމުގައި ޕާޓީތަކުން އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އީސީއިން މިހާރު ވަނީ ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އަންނަ މަހު އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޖުލައި މަހުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާއިރު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނުވަތަ އޮކްޓޯބަރު ކުރީ ކޮޅު ހާތަނުގައި ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.