ހަބަރު

ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް!

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދައިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ދޮށީ ދަރިކަލުން، މުހައްމަދު އަލާން އަހުމަދުގެ ނަމުގައި 4.7 މިލިއަން ރުފިޔާގެ ޕްލެޓިނަމް ފްލެޓެއް ބައްލަވާގެންފައިވާ ކަން ހާމަވެއްޖެ އެވެ. އަލާން އަހުމަދުގެ ނަމުގައި ޕްލެޓިނަލް ފްލެޓެއް ބައްލަވާގެންފައިވާ ކަން ހާމަވީ ސިވިލް ކޯޓުގައި އެކަން ތާވަލުކޮށްފައި އޮތުމުންނެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑަންސްއަކުން ފްލެޓު ބައްލަވައިގެންފައިވާ އިރު އެތަނުގެ ފްލެޓުތައް ހުންނަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ދެ ކޮޓަރިއާއި ފާހަނައެއް ހިމެނޭ 2.7 މިލިއަނާއި 3.7 މިލިއަން ރުފިޔާގެ ފްލެޓުތަކާއި ތިން ކޮޓަރިއާއި ފާހަނައެއް ހިމެނޭ 4.7 މިލިއަން ރުފިޔާގެ ފްލެޓުތަކެވެ. އޭގެ ތެރެއިން އަލާންގެ ނަމުގައި ބައްލަވައިގެންފައި ވަނީ 4.7 މިލިއަން ރުފިޔާގެ ފްލެޓެވެ.

ނަމަވެސް ނިހާނަށް އެ އަދަދަށް ފައިސާ ލިބެންވީ ކިހިނެތް ކަމާ މެދު އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެކަމަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލާގައި "އަވަސް"އިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ އޭނާ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވަތާ މިހާރު ނުވަ އަހަރުވެފައިވާ ކަމަށެވެ. އަދި ކޮންމެ މަހަކު މަދުވެގެން 79،000 ރުފިޔާ އާންމްދަނީގެ ގޮތުގައި ލިބޭ ކަމަށާއި އެހެންކަމުން މިއަދާ ހަމަޔަށް މުސާރައިގެ ގޮތުގައި އޭނާއަށް 8.5 މިލިއަން ރުފިޔާ ލިބިފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ބޯހިޔާވެހިކަން ހޯދުމުގެ ގޮތުން ރާއްޖޭގެ ދެ ބޭންކަކުން ނިހާން ހިމެނޭ ގޮތަށް 5.2 މިލިއަން ރުފިޔާގެ ލޯނު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑު ދައްކާނެ މާ ގިނަ ވާހަކައެއް ނެތް، ޝައްކުވާ ކަމެއް އުޅެންޏާ އެ ޝައްކުވާ ކަމެއް ހިފައިގެން ރާއްޖޭގައި ކަމާ ބެހޭ މިނިވަން މުއައްސަސާތައް ހުންނާނެ، އެތަންތަނަށް ވަޑައިގަންނަވާ، އޭރުން އިތުރަށް އޮޅުން ފިލާނެ،" ނިހާން ވިދާޅުވި އެވެ.

މިކަން ފެންމަތިވެފައިވާ އިރު ދާދި ފަހުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން ނުވަ މިލިއަންގެ ދެ ފްލެޓުވެސް "ރެހެންދި 6" އިމާރާތުން ބައްލަވައިގެންފައިވާ ކަން ހާމަވި އެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން ހުށަހެޅުމާ ގުޅިގެން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.