ހަބަރު

ކައުންސިލަރުންނާމެދު ފިޔަވަޅު އެޅި މައްސަލަ ހައިކޯޓަށް

Apr 5, 2018
3

ލޯކަން ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ މެންބަރުންނާމެދު ފިޔަވަޅު އެޅި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް އެމައްސަލަ ހުށަހަޅާފައިވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އެވެ. ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމި އެލްޖީއޭގެ މެންބަރުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެ ދުސްތޫރީ މައްސަލާގައި އެދިފައި ވެއެވެ. އެމައްސަލަ ހައިކޯޓުން އަދި ބަލައިގަނެފައެއް ނުވެ އެވެ.

އެލްޖީއޭއިން މިދިޔަ މަހު ވަނީ ކައުންސިލްތަކުން ނެރުނު ނޫސްބަޔާން ތަކަކާއި ގުޅިގެން އަށް ރަށަކުން 21 ކައުންސިލަރަކު ސަސްޕެންޑްކޮށްފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސޯދިގް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ ވެސް ސަސްޕެންޑުކޮށްފައި ވެއެވެ.

އެލްޖީއޭ އެ ކައުންސިލްތައް ސަސްޕެންޑުކޮށްފައިވަނީ އެއް މަހުގެ މުއްދަތަކަށެވެ. އަދި އެ މެންބަރުން ސަސްޕެންޑުކޮށްފައި ވަނީ އެ މުއްދަތުގެ ތެރޭގައި އެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށެވެ. އޭގެ އިތުރުން ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ކައުންސިލް ރޫޅާލުމަށް ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް އެލްޖީއޭ އިން ވަނީ ދީފަ އެވެ. ކައުންސިލްތައް އުވާލަން މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދިނީ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށާއި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އެ ކައުންސިލުން ނެރުނު ގަރާރަކާ ގުޅިގެން އެވެ.