ހަބަރު

އިމްޕޯޓު ކުރާއިރު ލޭބަލް ނުހުންނަ ކާބޯތަކެތި ބަލައިނުގަންނަން ނިންމައިފި

Apr 5, 2018
1

ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާއިރު ލޭބަލްކޮށްފައި ނުހުންނަ ނަމަ އެތަކެތި ވިޔަފާރިތަކަށް ދޫނުކުރާގޮތަށް، އިންޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން މިންގަނޑުތަކަށް ނުފެތިގެން ހިފަހައްޓާ ތަކެތި ދޫކުރުމާއި ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި އެވެ. މި ބަދަލު ގެނެސް ހެލްތު މިނިސްޓްރީން މިއަދު ވަނީ އެކަން އިއުލާންކޮށްފަ އެވެ.

މިނިސްޓްރީން އަލަށް ގެނައި އިސްލާހުގައިވާ ގޮތުން ކެއުމަށާއި ބުއިމަށް ބޭނުންކުރާ ބާވަތެއްގެ މުދަލެއް ގެންނަ އިރު ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ނުވާނަމަ އެތަކެތި އަނބުރާ އެކްސްޕޯޓުކުރި ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ. ނުވަތަ އެތަކެތި ނައްތާލާނެ ކަމަށެވެ. ވިޔަފާރި ބޭނުމަށް ދޫނުކުރެވޭނެ ކަމަށެވެ.

ގަވާއިދަށް މި ބަދަލު ގެނައީ ކާބޯތަކެތި ލޭބަލްކުރުމަކީ އެތަކެތި އުފައްދާ މަރުހަލާގައި އުފެއްދި ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށްވެފައި އެނޫން މަރުހަލާއެއްގައި އެހެން ފަރާތަކުން ލޭބަލްކުރުމަކީ ނުރަގަޅު މައުލޫމާތު ހިމެނުމަށް ނުވަތަ އޮޅުން އަރާފަދަ މަޢުލޫމާތު ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަކަށްވާތީ ކަމަށް ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ތަކެތި އެތެރެކުރުމަށްފަހު މިގޮތަށް ލޭބަލްކުރުމުގައި ބޭނުންކުރާ މައުލޫމާތު ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތްތަކެއް ނެތުމާއި އެތަކެތި އުފެއްދި ފަރާތަށް އެކުރި ލޭބަލްގެ ޒިންމާއިން ސަލާމަތްވުމުގެ ފުރުސަތުވެސް އޮތުމުން އެންމެ ރައްކާތެރި ގޮތަކީ ލޭބަލް ނުކުރާ ތަކެތި ބަލައިނުގަތުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިމަހުގެ 30 އިން ފެށިގެންނެވެ.