ހަބަރު

މެންބަރުން ޖަލްސާއަށް ނުގޮސް ސަލާމް ފޮނުވާ މައްސަލަ ބަހުސަކަށް

ސަރުކަރު ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި މެންބަރުން ގަސްތުގައި ޖަލްސާގައި ބައިވެރި ނުވުމަށް ސަލާމް ފޮނުވާ މައްސަލައާ ގުޅޭ ގޮތުން ބަހުސްކޮށްފި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރު ފަރާތުން ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފުގެ މަރުހަލާ ނިމޭ ހިސާބުން ވަގުތުން ފަނޑިޔާރުން ކަމުން ވަކިވާނެ އެވެ. އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އަދި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ.

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާންކޮށްފައި ވަނީ އަޑުއެހުންތައް ނިމި، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާ ވެސް ބާއްވާފައި ވަނީ މައްސަލާގެ އަޑު އެހުމެކެވެ. ފަނޑިޔާރުންގެ ބެންޗުން ބުނީ އެއީ އެ މައްސަލައާ ގުޅޭ ގޮތުން ސާފު ކުރަން ޖެހޭ އިތުރު ކަންކަން ހުރުމާ ގުޅިގެން ކަމަށެވެ.

ބަހުސަކަށްވީ 43 މެންބަރުން ހަމަނުވާ މައްސަލަ

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައި މައްސަލާގައި މިހާތަނަށް ބޭއްވުނު އަޑު އެހުންތަކުގައި މައްސަލަ ރައްދުވާ ފަރާތްތުގެ ވަކީލުން ފާހަގަކޮށްފައި ވަނީ ރައްޔިތުން އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ 43 މެންބަރުންނާ ނުލާ ވޯޓަށް ނޭހޭނެ ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ 38 މެންބަރުންގެ ވޯޓުންނެވެ.

އެގޮތުން މިއަދު ޝަރީއަތުގައި ދައުލަތުން ވަނީ އެކަމާ ބެހޭ ގޮތުން މަޖިލީހުން ހޯދާފައިވާ ލިޔެކިޔުންތަކެއް ޝަރީއަތަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި މަޖިލީހަށް ހާޒިރުވި މެންބަރުންގެ ސްޓެޓިސްޓިކްތަކާއި ސަލާމް ބުނި މެންބަރުންގެ ތަފްސީލުތައް ވެސް ހިމެނެ އެވެ.

އެ ލިޔުމުގެ ހުސާލާއެއް އިއްވަމުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލް މާޝާ ލުތުފީ ވިދާޅުވީ ފަނޑިޔާރުންގެ ގާނޫން އިސްލާހު ކުރުމަށް މާޗު މަހުގެ 13 ވަނަ ދުވަހުގައި މަޖިލީހުގެ އަށް ވަނަ ޖަލްސާ 1:30 ގައި އޮންނާނެ ކަމަށް ހުރިހާ މެންބަރުންނަށް ވެސް އެސްއެމްއެސްއަކުން އަނގާފައިވާ ކަމަށާއި ޖަލްސާގެ އެޖެންޑާ މަޖިލީހުގެ ވެބްސައިޓުގައި ވެސް ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އެ ދުވަހުގެ ޖަލްސާގައި ވޯޓުލުމަށް ހުޅުވާލި އިރު ހާޒިރުވެ ތިބީ 39 މެންބަރުން ކަމަށާއި 28 މެންބަރަކު އެއްވެސް އުޒުރަކާ ނުލައި ސަަލާމް ފޮނުވާފައިވާ ކަމަށް މާޝާ ވިދާޅުވި އެވެ. ނަމަވެސް ސަލާމް ބުނި މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު އެ ދުވަހު މަޖިލީހުގައި ކުރިޔަށް ދިޔަ ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް ކަމަށް ވެސް މާޝާ ވިދާޅުވި އެވެ.

މާޝާ ފަހަގަ ކުރެއްވި ގޮތުގައި މި އަހަރުގެ ތެރޭގައި ވެސް 13 މައްސަލައެއްގައި މަޖިލީހުގައި ވޯޓަށް އެހި އިރު 43 މެންބަރުން ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިއަދާ ހަމަޔަށް އައިއިރު ގައުމުގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ފާސް ކުރަން ޖެހޭ މުހިންމު ބިލުތަކަކަށް ފާސް ނުކުރެވި ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ތިންވަނަ ބާރުގެ ހިންގުން ހުއްޓި ރައްޔިތުންނަށް ކޮންމެހެން ވެސް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިވެފައިވާ ކަމަަށެވެ. އެހެންވެ މަޖީލީހުގެ މެންބަރުންތަކެއް ގަސްތުގައި މަޖިލީހުގެ މަސައްކަތް ހުއްޓުވާލުމުގެ ނިޔަތުގައި ޖަލްސާތަކުގައި ބައިވެރިނުވާތީ އެކަން "ސްޓޭޓް އޮފް ނެސަސިޓީ"އަށް ވަންނަ ކަމަށާއި ފަނޑިޔާރުންގެ ގާނޫނަށް ވެސް އިސްލާހު ގެނައީ އޭގެ ދަށުން ކަމަށް މާޝާ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު އިބްރާހިމް ރިއްފަތު ވަނީ 43 މެންބަރުން މަޖިލީހަށް ނުވަންނާތީ ރައްޔިތުންނާއި ގައުމުގެ ކުރިއެރުމަށް ކޮންމެހެން ވެސް ބޭނުންވާ ފަދަ ބިލުތައް ފާސް ނުކުރެވި އޮތް ކަމަށް ދައުލަތުން ފާހަގަ ކުރައްވަނީ ކޮން ބިލުތަކެއްތޯ ސުވާލުކޮށްފަ އެވެ. އަދި އެފަދަ ބޮޑެތި ބިލުތަކެއް 43 މެންބަރުންނާ ހެދި ފާސް ނުކުރެވޭނެމަ ދައުލަތުން ފާހަގަ ކުރާ ގޮތަށް ޑޮކްޓަރީން އޮފް ނެސަސިޓީ ބޭނުން ކުރައްވައިގެން އެ ބިލުތައް ފާސް ނުކުރައްވަނީ ކީއްވެތޯ ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ބުނާ ހާލަތް ސްޓޭޓް އޮފް ނެސަސިޓީ ބޭނުން ނުކުރައްވާ ކަނޑައެޅިގެން ފަނޑިޔާރުންގެ މަގާމްތައް ގެއްލުވާލުމަށް ސްޓޭޓް އޮފް ނެސަސިޓީ ބޭނުން ކުރައްވަނީ ކީއްވެ ތޯ ސުވާލު ކުރެއްވި އެވެ.

އޭގެ އިތުރުން މައްސަލާގައި ބޭއްވި ފުރަތަމަ އަޑު އެހުމުގައި ފަނޑިޔާރުންގެ ގާނޫން ފާސް ކުރަން 43 މެންބަރުން ކޮންމެހެން ބޭނުން ނުވާ ކަމަށް ވިދަޅުވި ނަމަވެސް މިހާރު ކުއްލި އަކަށް 43 މެންބަރުންނާ ނުލާ ގައުމު ކުރިޔަށް ނުދާ ފަދަ ގޮތަކަށް ވާހަކަދައްކަވާތީ ދެކޮޅު ނުޖެހޭ ކަމަށް ރިއްފަތު ވިދާޅުވި އެވެ.

"މަޖިލީހުގެ ލިޔުން ސިއްރު ކުރެވޭނެތޯ ބަހުސަކަށް"

މަޖިލީހުން ބަންޑާރަނައިބު އޮފީހަށް ފޮނުވި ލިޔުމުގައި ޖަލްސާގައި ބައިވެރިނުވާން ސަލާމް ފޮނުވާފައިވަ މެންބަރުންގެ ތަފްސީލުތައް ހިމެނޭތީ އެއީ ސިއްރު ލިޔުމެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށް ދައުލަތުން ފާހަގަ ކުރެއްވި އެވެ. އަދި އެ ޑޮކިއުމަންޓުތަކުގައި ސިއްރު ތަތްގަނޑު ޖަހާފައިވާ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް އެއަށް ރައްދު ދެއްވަަމުން ވަކީލު ހިސާން ހަސަން ވިދާޅުވީ އެގޮތަށް ހުށަހެޅޭ ޑޮކިއުމަންޓުތައް ސިއްރު ކުރެވޭނެ ތިން ހާލަތެއް ގާނޫން އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެއިން އެއްވެސް ހާލަތެއް މެދުވެރިވުމަކާ ނުލާ، ދައުލަތުން ހިތަށް އެރުމުން އެކަން ސިއްރުކޮށްލަން ނުނިންމެވޭނެ ކަމަށެވެ. އަދި މެންބަރުން މަޖިލީހަށް ހާޒިރު ނުވާ މައްސަލާގައި ދެ ފަރާތުން ދައްކާ ވާހަކައަކައަކާ ގުޅިގެން ހުށަހަޅާ ލިޔުމެއް ސިއްރު ކުރުމަށް އެއާ ބެހޭ ގޮތުން ދެން އިތުރަށް ދެއްކޭނެ ވާހަކައެއް ނޯންނާނެ ކަމަށާއި އެހެންވެ އިތުރަށް ކުރިޔަށް ގެންދެވޭނީ އެ ލިޔުމުގެ ކޮޕީއެއް ލިބި އެ ލިޔުން ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ.

މަޖިލީހުން ފޮނުވި ލިޔެކިޔުންތައް މައްސަލަ ރައްދުވާ ފަރާތާ ހިއްސާ ކުރާނެތޯ ދެ ފަރާތުން ބަހުސް ކުރެއްވުމަށް ފަހު އެއާ މެދު ގޮތެއް ނިންމެވުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ޝަރީއަތް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލައިފަ އެވެ. އެއަށް ފަހު ފަނޑިޔާރުން ނިންމެވީ އެ މަޖިލީހުން ފޮނުވި ލިޔުންތަކުގައި ސިއްރު ކުރަން ޖެހޭ ވާހަކައެއް ހިމެނިފައި ނުވާ ކަމަށާއި މައްސަލަ ރައްދުވާ ފަރާތްތަކަށް ވެސް އެ ލިޔުންތައް ދިރާސާ ކުރަން ފުރުސަތު ދިނުމަަށެވެ.

މަޖިލީހުގެ ލިޔުންތައް މައްސަލަ ރައްދުވާ ފަރާތުގެ ވަކީލުންނަށް ދިން ނަމަވެސް ރިއްފަތު ވިދާޅުވީ އެ ލިޔުންތައް ދިރާސާ ކުރުމަށް އެއް ގަޑިއިރުގެ ވަގުތެއް ބޭނުންވާ ކަމަށެވެ. އެގޮތުން އެ ލިޔުމުގައި މެންބަރުންގެ ހާޒިރީއާ ބެހޭ މައުލޫމާތުތައް ކަށަވަރު ކުރުމަށްޓަކައި ފޯނުން ބައެއް ފަރާތްތަކަށް ގުޅައިގެން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ލިޔުންތައް ދިރާސާ ކުރުމަށް ގާތްގަނޑަކަށް 35 މިނެޓުގެ ވަގުތެއް ދިނުމަށެވެ. އަދި އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ވެސް ފަނޑިޔާރުން ނިންމެވި އެވެ.

ނަމަވެސް 35 މިނެޓަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ވަކީލުންނަށް ގަބޫލު ނުކުރެއްވޭތީ އެކަން ދޫކޮށްލައްވާ، ލިޔުންތައް ދިރާސާ ނުކުރަން ނިންމެވި އެވެ. އަދި ލިޔުންތައް އަނބުރާ ހަވާލު ކުރެއްވި އެވެ.

ފަނޑިޔާރުންގެ ސުވާލުތަކެއް އަނާރާ އާއި އަލީ ހުސެއިންއަަށް

އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރު ނުވާ މައްސަލައާ ގުޅިގެން އެ މައްސަލަ ހުށަހެޅި ދެ މެންބަރުން ކަމަށްވާ އަނާރާ ނައީމް އާއި އަލީ ހުސެއިން އަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުތަކެއްކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ފާސް ކުރަން އޮތް ދުވަހު މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވީ ކޮން އުޒުރަކާ ގުޅިގެންތޯ އާއި ސީދާ ޖަލްސާތައް ބޮއިކޮޓު ކުރުމުގެ ނިޔަތެއް އޮތްތާ ސުވާލު ކުރެއްވި އެވެ.

އެ ކަމަށް ޖަވާބު ދެއްވަމުން އަނާރާ ވިދާޅުވީ ޖަލްސާ އޮންކަން އޭނާއަށް އެނގި ވަގުތުގެ ސަބަބުން އޭނައަށް މަޖިލީހަށް ހާޒިރުވެވެން ދަތިވާތީ އެކަން މަޖިލީހުގެ އަމީންއާންމެ ނައިބަށް މެސެޖަކުން އަންގާފައިވާ ކަމަށެވެ. އަދި އޭގެ ރައްދުގައި "އޯކޭ" އޭ މަޖިލީހުގެ އަމީންއާންމްގެ ނައިބު ވިދާޅުވި ކަމަށާއި އެއީ އޭނާގެ އުޒުރު މަޖިލީހުން ގަބޫލު ކުރެއްވިކަން ހާމަވާ ކަމެއް ކަމަށް އަނާރާ ވިދާޅުވި އެވެ.

އެ ސުވާލުތައް އަލީ ހުސެއިންއާ ކުރެއްވުމުން ފުރަތަމަ އޭނާ ފާހަގަ ކުރެއްވީ އޭނާ ވަކީލު ކަމުން ސަސްޕެންޑު ކުރެވިފައިވާތީ ކޯޓުގައި އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށްފައިވާ ކަމަށާއި އެެހެންވެ ފަނޑިޔަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އޭނާ އުޒުރުވެރިވާ ކަމަށެވެ. ނަމަވެސް ބެންޗުން ވިދާޅުވީ އަލީ ހުސެއިންއާ ސުވާލު ކުރެއްވީ ވަކީލެއްގެ ހައިސިއްޔަތުން ޖަވާބު ދިނުމަށް ނޫން ކަމަށާއި އެއީ މައްސަލައާ ގުޅޭ ގޮތުން ކޮންމެހެން ވެސް އޮޅުން ފިލުވަން ޖެހޭ މައުލޫމާތުތަކެއް ހޯދުމަށްޓަކައި މައްސަލަ ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ކަމަށެވެ.

އެހެންކަމުން އަލީ ހުސެއިން ވިދާޅުވީ އޭނާ މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަށް ސަލާމް ފޮނުވާފައިވަނީ ޒާތީ ސަބަބަކާ ހެދި ކަމަށާއި އެހެންވެ އެ މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ދެ ފަރާތުންގެ ވާހަކަތައް ނިންމާލުމުން ފަނޑިޔާރުންގެ ބެންޗުން ބުނީ މިއަދުގެ އަޑު އެހުންތައް ނިންމާލާ ކަމަށާއި އިތުރު ކަމެއް ސާފު ކުރަން ޖެހިއްޖެ ނަމަ އަޑު އެހުމެއް ބާއްވާނެ ކަމަށެވެ. އެނޫން ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.