ވިޔަފާރި

ގަޑި ބަދަލު ކުރުމުން މުދާ ނެރުން އަވަސް ވެއްޖެ

Apr 5, 2018
8

އާދީއްތަ ދުވަހުން ފެށިގެން ދުވާލު ގަޑީގައި މުދާ އުފުލުމަށް ބަދަލު ކުރުމާއެކު، މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއަކުރެވޭ އަދަދު ވަރަށް ބޮޑުތަން އަވަސް ވެފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެމްލީއެޕް ސަރަހައްދުގައި ރޭގަނޑު 6:00 އިން ފެށިގެން މަސައްކަތް ފެށުމާއެކު ރޭ އެކަނި ވެސް 254 ލޮރީގެ މުދާ ނެރެފައިވާ ކަމަށެވެ.

"މީގެން އެނގެނީ މަސައްކަތް ވަރަށް އަވަސް ވެގެން ގޮސްފައިވާކަން،" ވިދާޅުވި އެވެ.

މާލޭގައި އާއްމުކޮށް އެންމެ ގިނައިން މުދާ ވިކޭ ދުވަސްތަކުގައި ވެސް އެންމެ ގިނަ އިން ނެރެނީ 290 ވަރަކަށް ލޮރީގެ މުދަ އެވެ. މި އަދަދުން ބަލާނަމަ މިއީ ގާތްގަނޑަކަށް 14 ޕަސެންޓް އިތުރުވުމެކެވެ.

މިނިސްޓަރު މުހައްމަދު ސައީދު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މި ބަދަލުން އެނގިގެން ދަނީ މުދާ އުފުލާ ގަޑި ބަދަލު ކުރުމުބް ވިޔަފާރި ބަނދަރުގެ އެފިޝެންޓް ވެގެން ދިޔަތަން ކަމަށެވެ. އަދި ބަނދަރުން ކޮންޓެއިނާ ކްލިއަ ކުރުމުގެ މަސައްކަތް ރޭ 1:30 ގައި ނިމިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ރާއްޖެ އަށް އަންނަ މުދާ ވެސް ވަރަށް ބޮޑަށް އިތުރުވެއްޖެކަން ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ. ނަމަވެސް ރޭގެ 6:00 އިން 11:00 އަށް މި ދެންނެވި އަދަދަށް މުދާ ކްލިއަކޮށްފައި މި ވަނީ. އެހެންވެ މީގެން އެނގެނީ ބަނދަރުގެ އެފިޝެންސީ އިތުރުވެއްޖެކަން،" ސައީދު ވިދާޅުވި އެވެ.

ސަރުކާރުން މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމާއެކު އެމްޕީއެމް ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީން ވަނީ ހިތްހަމަނު ޖެހިފަ އެވެ. އަދި އެމީހުން ވަނީ މުދާ އުފުލާ އަގަށް ބަދަލު ގެނެސްފަ އެވެ. ނަމަވެސް މި ބަދަލާއެކު ސަރުކާރުން ވަނީ މަޖޫރީ ކުރެވޭ އަގުތައް ކޮންޓްރޯލް ކޮށްފަ އެވެ.