ހަބަރު

ޅ. އަތޮޅު ކައުންސިލްގެ ދެ މެންބަރަކު ސަސްޕެންޑްކޮށްފި

Apr 5, 2018
2

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ. ސަސްޕެންޑް ކޮށްފައިވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ.

އެލްޖީއޭއިން ސަސްޕެންޑު ކޮށްފައިވަނީ، އެ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި މެންބަރު މުހައްމަދު ހުސައިނެވެ. އެ ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި ނޫސްބަޔާން ނެރުމުން ނެވެ.

އެލްޖީއޭއިން ބުނީ އެ ދެ ކައުންސިލަރުން ސަސްޕެންޑުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް މަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ މެންބަރުން ސަސްޕެންޑުކޮށްފައި ވަނީ އެ މުއްދަތުގެ ތެރޭގައި އެ މެންބަރުންނަށް މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް ކަމަށް އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ އެކައުންސިލް އުވާލަނެ ކަމުގެ އިންޒާރުވެސް ކައުންސިލަށް ދީފައި ވެއެވެ.

ދެ ކައުންސިލަރެއް ސަސްޕެންޑް ކޮށްފައިވާއިރު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް މިއަދު ވަނީ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފަ އެވެ. އެގޮތުން ހައި ކޯޓަށް ހުށަހަޅާފައިވަނީ އެލްޖީއޭ އިން ކައުންސިލްތަކުގެ މެންބަރުންނާމެދު ފިޔަވަޅު އެޅި މައްސަލަ އެވެ. އަދި ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމި އެލްޖީއޭގެ މެންބަރުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްވެސް އެ ދުސްތޫރީ މައްސަލާގައި އެދިފައި ވެއެވެ. އެމައްސަލަ ހައިކޯޓުން އަދި ބަލައިގަނެފައެއް ނުވެ އެވެ.

އެލްޖީއޭއިން މިދިޔަ މަހު ވަނީ ކައުންސިލްތަކުން ނެރުނު ނޫސްބަޔާން ތަކަކާއި ގުޅިގެން އަށް ރަށަކުން 21 ކައުންސިލަރަކު ސަސްޕެންޑްކޮށްފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ މޭޔާ އަބްދުﷲ ސޯދިގް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް އާއި ކައުންސިލަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދު އަދި އަލީ ފަހުމީ ވެސް ސަސްޕެންޑުކޮށްފައި ވެއެވެ.