ސައުދި އަރަބިއްޔާގެ ސިނަމާތައް 35 އަހަރުވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިިދިޔަ އަހަރު ޑިސެމްބަރުގައި ވަނީ އަލުން ހުޅުވާފަ އެވެ. ސިނަމާތައް ރަސްމީކޮށް ހުޅުވުމަށް މިހާރު ހަމަޖައްސާފައި ވަނީ މި މަހު 18 ގަ އެވެ.
ރަސްމީކޮށް ހުޅުވުމަށްފަހު ސިނަމާތަކުގައި އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖައްސާފައި ވަނީ މާވެލްގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" އެވެ.
"ބެލްކް ޕެންތާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ފިލްމެވެ. ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް މިހާރު އެއް ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު، މި ފިލްމަކީ އުތުރު އެމެރިކާގައި އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ސުޕަހީރޯ ފިލްމެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ސައުދީގެ 14 ސިޓީއެއްގައި 40 ސިނަމާ ތަރައްގީކުރުމަށް ސައުދީ ސަރުކާރުން ވަނީ ދުނިޔޭގެ މަޝްހޫރު ސިނަމާ ޗެއިންއެއް ކަމަށްވާ "އޭއެމްސީ" އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ސައުދީ ސަރުކާރުން ސިނަމާތައް އަލުން ހުޅުވީ ސައުދީގެ އިޖުތިމާއީ ހާލަތާއި އިގްތިސާދު ކުރިއެރުވުމަށް "ވިޒަން 2030" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިނެއްގެ ދަށުންނެވެ. މި ކެމްޕެއިނަކީ ސައުދީ ރަސްގެފާނުގެ ދަރިކަލުން ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
އެ ގައުމުގެ ފުރަތަމަ ފިލްމު އިންޑަސްޓްރީ ބޯޑު، ސައުދީ ފިލްމު ކައުންސިލު މިހާރު ވަނީ އެކުލަވާލާފަ އެވެ. އަންނަ މެއި މަހު ފްރާންސްގައި ފަށާ ފިލްމު ފެސްޓިވަލެއްގައި އެ ކައުންސިލު ރަސްމީކޮށް އިފްތިތާހުކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސައުދީ ސަރުކާރުން 64 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރާނެ ކަމަށް ސައުދީގެ ޖެނެރަލް ކަލްޗާ އޮތޯރިޓީ (ޖީސީއޭ) އިން މިދިޔަ ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ.
ގްލޯބަލް މީޑިއާ އެންޑް އެންޓަޓެއިންމަން ކުންފުނި، ޑީއެމްޖީގެ މޯޝަން ޕިކްޗާސްގެ ކުރީގެ ރައީސް ކްރިސް ފެންޓޮން ވަނީ ސައުދީގެ ފިލްމީ ދާއިރާ ކުރިއެރުވުމަށް 10 ބިލިއަން ޑޮލަރު ފަންޑު ކޮށްދިނުމަށްވެސް މަޝްވަރާކުރަން ފަށާފަ އެވެ.
މިދިޔަ މަހު ކުރީ ކޮޅު ސައުދީ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ ފަރާތްތަކަށް އެ ގައުމުގައި ސިނަމާތައް ހުޅުވުމުގެ ހުއްދަވެސް ދޭން ފަށާފަ އެވެ.