ހަބަރު

80 އަހަރު ވިޔަސް ވެރިކަމަށް ކުރިމަތިލެވެން ޖެހޭ: ދުންޔާ

ވެރިކަމަށް ކުރިމަތިލެވޭ މީހުންގެ އުމުރުފުރައިގައި ވަކި ލިމިޓެއް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި 80 އަހަރު ފުރުނަސް ވެރިކަމަށް ކުރިމަތިލެވެން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

"ސަންގު ޓީވީ" އަށް ދުންޔާ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މުޅި ގައުމަކާ ހަވާލުވެ ވެރިކަމަކަށް އެންމެ ގާބިލުވާނީ އެމީހެއްގެ ތައުލީމީ ފެންވަރުގެ އިތުރުން ތަޖުރިބާ ވެސް ހުރި މީހަކަށް ކަމަށާއި ތަޖުރިބާ ލިބޭނީ އެ މަސައްކަތުގައި ވީހާވެސް ގިނަ ދުވަހު ހޭދަ ކުރެއްވުމުން ކަމަށެވެ. އަދި ސިއްހީ ގޮތުންނާއި އެހެން ގޮތްގޮތުން ތަސައްވަރު ފުދޭ ނަމަ އުމުރުން 70 ނުވަތަ 80 އަހަރު ފުރުނަސް އެ މީހަކަށް ވެރިކަމާ ކުރިމަތި ލެވެން ޖެހޭނެ ކަމަށާއި އެ ތަޖުރިބާ އިން ގައުމަށް ފައިދާ ކުރާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ގައުމުގެ ރައީސް ކަމަށް އާދެވޭނީ ވަރަށް ގިނަ ތަޖުރިބާތަކެއް ލިބިގެން، ތައުލީމު ހޯދި ދާނެ ވަރަށް މޮޅު ތޫނުފިލި ކުދިން ތިބެދާނެ، ނަމަވެސް ދުނިޔެވީ ތަޖުރިބާ އަދި މަސައްކަތުގެ ދާއިރާގައި އަދި މީހުންނާ އެކީ އުޅުމުގައި ވެސް ތަޖުރިބާ ލިބޭނީ އެމީހެއްގެ އުމުރާ އެކީގައި،" ދުންޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގާނޫނަށް ބަދަލު ގެނައި ދުވަސްވަރު ޒުވާނުންނަށް ފުރުސަތުދޭ ވާހަކަތަކެއް ދެކެވުނުކަން ފާހަގަ ކުރައްވަމުން ދުންޔާ ވިދާޅުވީ ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ވާނެ ކަމަށާއި އެ ފުރުސަތު އެމީހުންނަށް ވެސް ލިބެން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއްކޮށްފައި ހުރި ކަމަށް ވެސް ދުންޔާ ފާހަގަ ކުރެއްވި އެވެ.