ހަބަރު

ޖަލުގައި 60 ދުވަސްވީ އިރު އިތުރު ހިތްވަރެއް ލިބިއްޖެ: މައުމޫން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންދުގައި ހުންނަތާ މިއަދަށް 60 ދުވަސްވި ނަމަވެސް އެމަނިކުފާނުގެ ހިތްވަރު ކުޑަމިންވަރަކަށް ވެސް ފަނޑު ނުވާ ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފި އެވެ.

ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޮޕްޝަނާއި ފަސާދައިގެ ގައުމަކަށް ރާއްޖެ ބަދަލުވަމުން ދާތީ އިދިކޮޅު ފަރާތްތަކާއެކު ރައީސް މައުމޫން ނުކުމެވަޑައިގަތީ އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުމެއް ނުވެ ސާބިތުކަމާއެކު ހުންނަވައިގެން ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން އެމަނިކުފާނު ހައްޔަރު ކުރި ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް ކުޑަވެސް ފަނޑު ކަމެއް ނާންނަ ކަމަށާއި ސާބިތުކަން ދިޔައީ އިތުރުވެގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ،

އެ އޮފީހުން ބުނީ ރައީސް މައުމޫންގެ މައްޗައް އުފުލާފައިވާ ދައުވާގެ ލިޔެކިޔުންތައް ލިބުނު އިރު އޭގެ ތެރޭގައި އެމަނިކުފާނު ޓެރަރިޒަމްގެ އަމަލެއް ހިނގި ކަމަށް ބުނެފައި ނުވާ ކަމަށާއި ނަމަވެސް ޖިނާއީ އަމަލެއް ސާބިތު ކުރުުމަށްޓަކައި އެފަދަ އަމަލެއް ކުރުން ނުވަތަަ ނުކޮށް ދޫކޮށްލުމަކީ ފުރިހަމަވާން ޖެހޭ ޝަރުތެއް ކަމަށެވެ. އެއާ ހިލާފަށް ސަރުކާރުން އުޅެނީ އެމަނިކުފާނުގެ ފެއްޓެވި އިސްލާހީ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ރައީސް މައުމޫންއާ ދެކޮޅަށް ސިޔާސީ ކުލަ ޖެހިފައިވާ ދައުވާއެއް އުފައްދައިގެން ކަމަށް އެ އޮފީހުން ބުންޏެވެ.

އެ ހާލަތުގައި ރައީސް މައުމޫން ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވަނީ އިސްލާހީ މަސައްކަތުގައި ދެމިތިބުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހައްޔަރުކޮށްގެން ބޭތިއްބިޔަސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވސް ލީޑަރެއްގެ ހިތްވަރަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އޮންނަ ކަމަށާއި ގައުމު އަމާން އައްސޭރިއަކަށް ވާސިލުވުމުގެ މަގު އޮތީ ވަރަށް ގާތުގައި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުންޏެވެ.