އަބްދުއްރަހީމް އަބްދުﷲ

"ރާއްޖެ ސަލާމަތް ކުރަން ޔާމީނާއެކު ފުރަތަމަ ނުކުތީ ލާމް"

Apr 6, 2018
15

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ލ. އަތޮޅު އަޮތީ ވެރި ކަމަށް އެ މަނިކުފާނު ވަޑައިގަތުމުން ނޫން ކަމަށާއި އެމްޑީޕީގެ އަތް މައްޗަށް ރާއްޖެ ގޮސް ރާއްޖޭގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދިއުމުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބައިއަތު ހިފީ ލ. އަތޮޅު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަހިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ލާމުގެ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީނާއެކުގައި އަލުން ގައުމު އާރާސްތު ކުރަން ނުކުމެ ކަމަށައި އެއަށް ހުއްޓުމެއް ނެތް ކަމަށެވެ.

"މިތިބޫ" ގެ ނަމުގައި ލ. އަތޮޅުގެ އެކި ރަށްރަށުގެ ޕީޕީއެމްގެ މެންބަރުން ގުޅިގެން ލ. ގަމުގެ ތުނޑީ އަވަށުގައި މިރޭ ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއް ރަހީމް ވިދާޅުވީ ލ. އަތޮޅަކީ ނަތީޖާ ހާސިލްކޮށް ނެރެ ދައްކާ ދުރަށް ވިސްނާ އަތޮޅެއް ކަމަށާއި މިދިއަ ރިޔާސީ އިންތިހާބުގައި ވެސް އަތޮޅަކުން އެންމެ ބޮޑު ކާމިޔާބީއެއް ރައީސް އަބްުދުﷲ ޔާމީނަށް ވޯޓްގެ ޕަސެންޓޭޖުން ހޯދައިދިން ތިންވަނަ އަތޮޅަކީ ލ. އަތޮޅު ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެ ނިސްބަތް އެއްވަނައަށް ގެންދާނެ ނަތީޖާއެއް ލ. އަތޮޅުން ނެރޭނެ ކަމަށެވެ.

"ލ. އަތޮޅު ރައީސް އަބްދުﷲ ޔާމީނާއެކުގައި އޮތީއަކީ ރައީސް ކަމަށް ވަޑައިގެންނެވި ހިސާބަކުން ނޫން. މުޅި ލ. އަތޮޅު ރައީސް ޔާމީނުފެ ފަހަތަށް ދިޔައީ އެމްޑީގެ ސަރުކާރެއް އައިސް ރާއްޖެ ފަނާކޮށް ފަސާދަ ކޮށްލުމުން ދެން އަލުން ކުރިމަގު ބިނާ ކުރުމުގެ ގާބިލްކަން ލިބިފައިވާ ބޭފުޅަކީ ރައީސް ޔާމީން ކަމަށްވާތީ، ރައީސް ޔާމީނަށް ފުރަތަމަ ބައިއަތު ހިފީ ލާމު. އެހެން މިދެންނެވީ ޖެހިގެން އައި އާންމު އިންތިހާބުގައި ލ. އަތޮޅުގެ ހަތަރު ގޮނޑި އަޅުގަނޑުމެން ރައީސް ޔާމީނުގެ ޕީއޭއަށް ދިނިން. އެ ދުވަހުވަހުން ފެށިގެން އެމްޑީޕީގެ ކިބައިން ރާއްޖެ ސަލާމާތް ކުރުމުގެ މަސައްކަތް ރައީސް ޔާމީނާއެކު ފަށައިދިނީ ލާމު އަތޮޅުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ލ. އަތޮޅުގައި ރައީސް ޔާމީނަށް އޮތް ލޯތްބާއި އެމަނިކުފާނުގެ ތަރައްގީއަށް އޮތް ޖާގަ ނޫން ޖާގައެއް ދެން ނޯންނާނެ ކަމަށާއި އެކަން އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކަން މުޅި ލ. އަތޮޅުގެ ރައްޔިތުން ތައްޔާރަށް އޮތް ކަމަށާއި އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމުގެ އެއް ތަޅުދަނޑިއަކަށްވާނީ ލާމު ކަމަށެވެ.