ރާއްޖެއަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމަށް ދައްކާ ވާހަކަތަކަކީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ގައުމުން ބުނެފިއެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ(ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެރަޓީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްްޓްއޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ކަންބޮޑުވާ ކަންތައްތައްތަކެއް ރާއްޖޭގައި ހިނގަމުންދާތަން ފެންނަ ކަމަށާއި އެކަންކަމާ ކަންބޮޑުވާ ވަރަށް ޗައިނާގެ ނުފޫޒާ ރާއްޖެއަށް އޮތް މިންވަރާ މެދުގައި ވެސް ކަންބޮޑުވާ ކަމަށެވެ.
"އެއީ އިންޑިއާގެ ބެކްޔާޑް. އަހަރެމެންނަށް އިނގޭ އިންޑިއާއިން އެއީ އިންޑިއާއިން ކަންބޮޑުވާކަމެއްކަން. އެހެންވީމާ ރާއްޖޭގެ ހާލަތަކީ އަހަރެމެން ކަންބޮޑުވާކަމެއް. އެކަން ވަމުންދާ ގޮތް އަހަރެމެން ބަލާނަން. އެއީ އަހަރެމެންގެ ޑިފެންސް ސްޓްރެޓެޖީގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަމެއް،" ފެލްޓާ ވިދާޅުވިކަމަށް ޕީޓީއައިއާ ހަވާލާދީ ޓައިމްސް އިންޑިއާ ނޫހުން ބުންޏެވެ.
ފެލްޓާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅުވައިގެން ސުވާލުކުރުމުންނެވެ.
ފެލްޓާ ވިދާޅުވީ އުސޫލަތަށް ތަބާވާ އަދި ހުޅުވާލާފައިވާ މިނިވަން ތަނެއްގެ ގޮތުގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދު އޮންނަން އެމެރިކާއިން އެދޭ ކަމަށާއި އެނޫން ގޮތެއް ވާ ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެ، އެފަދަ ބައެއް ކަންތައްތައް އޭނާ ފާހަގަކުރެއްވިއެވެ.
"ސަރަހައްދުގައި ހިނގާ ހަމަ މިފަދަ ހަރަކާތްތަކަށް ބަލާ ނަމަ އެއީ އަހަރެމެން ކަންބޮޑުކުރުވާ ކަމަކަށް ވޭ. ޖިބޫތީ އިން ގައުދާރާ ހަމައަށް. ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ބެލިޔަސް. އަދި މިހާރު ފުރުސަތު އޮތް ތަނެއްގެ ގޮޮތުގައި ދިވެހިރާއްޖެ. ދެން އިތުރަށް އިރުމައްޗަށް ފުޅާކުރުން. އެއީ އަހަރެމެން ކަންބޮޑުވާކަމެއް،" ފެލްޓާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.