ވިޔަފާރި

ބީބީއެމްއިން ކައްކާއިންނަށް މާސްޓަ ކްލާސްތަކެއް

Apr 7, 2018

ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން މަޝްހޫރު ދެ މާސްޓާ ޝެފުންނާއެކު ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް "މާސްޓަ ކްލާސް" ތަކެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ކައްކާއިންނަށް އެންމެ ގިނަ ފުރުސަތުތައް ހުޅުވާލައިދޭ ބީބީއެމް އިން މި ފަހަރުގެ މާސްޓަ ކްލާސް ވެސް ބާއްވަނީ މި މަހުގެ ބާއްވާ، ހޮޓެލް އޭޝިއާ އާ ދިމާކޮށެވެ. މިއީ މިގޮތަށް ބާއްވާ ހަވަނަ މާސްޓަ ކްލާހެވެ.

ހޮޓެލް އޭޝިޔާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާ ގުޅިގެން މާސްޓަ ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގަނޑު އެވެ. މިގޮތުން މި ކްލާސްތަކުގައި ކިޔައިދޭނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރު ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތް ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ އެވެ. މީގެ އިތުރުން ބަރިސްތާ ވޯކްޝޮޕެއް ވެސް ބާއްވާނެ އެވެ.

ބީބީއެމް އިން ބުނީ މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދިވެހި ކައްކާއިންނަށް ގިނަ ފުރުސަތު ތަކެއް ދޭ ބީބީއެމްއިން ދަނީ ބޭރަށް ފޮނުވައިގެންވެސް ދިވެހި ޝެފުންނަށް ތަމްރީންވާން ފުރުސަތު ދެމުންނެވެ.