ހަބަރު

ބައިނަލްއަގުވާމީ ގުރުއާން މުބާރާތް އަންނަ މަހު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތް އަންނަ މަހު 13 ގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ ގުރުއާން މުބާރާތް އަންނަ މަހު 13 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މުބާރާތުގެ ނަތީޖާފާޅު ކުރުން އޮންނާނީ އަންނަ މަހުގެ 17 ގައި ކަމަށެވެ. އަދި ވިދާޅުވީ، މުބާރާތުގައި ރާއްޖޭގެ އިތުރަށް 10 ގައުމަކުން ބައިވެރިވާނެ ކަމަށެވެ.

"މުބާރާތުގައި 11 ގައުމަކުން ބައިވެރިވާނެ ރާއްޖެ ހިމެނޭ ގޮތަށް، އެއީ މިސްރު، ސޫދާން، ސައުދީ އަރަބިއްޔާ، އެމިރޭޓްސް، ތުރުކީ، ޕާކިސްތާން، ބަންގުލަދޭޝް، އިންޑޮނޭޝިއާ، މެލޭޝިއާ، އަދި ސުރީލަންކާއިންވެސް ބައިވެރިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އިސްނެގުމުގެ މަތިން ބާއްވާ ގުރުއާން މުބާރާތެއް ކަމަށާއި މި މުބާރާތަށް ރައީސް ދެއްވާފައިވާ ނަމަކީ އަލް ނޫރުލް މުބީނެވެ. އަދި މި މުބާރާތުގައި ކޮންމެ ގައުމަކުން ވެސް ބައިވެރިވާނީ އެއް ބައިވެރިއަކު ކަމަށާއި މުބާރާތުގައި އުމުރުން 18 އަހަރާއި 25 އަހަރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފެއް، މުބާރާތުގެ އިދާރީ ގިނަ މަސައްކަތްތައް މިހާރުވަނީ ނިމިފަ، ދައުވަތު ފޮނުވަން ޖެހޭ ފަރާތްތަކަށް ދައުވަތު ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ، ބައެއް ފަރާތްތަކަށް ދައުވަތު މިހާރު ވަނީ ފޮނުވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާނީ ބައިނަލް އަގުވާމީ މުބާރާތްތަކުގައިވެސް ފަނޑިޔާރުކަން ކުރައްވާ ފަރާތްތައް ކަމަށާއި އޭގެ ތެރޭގައި ސޫދާނާއި މިސްރާއި ޕާކިސްތާނާއި ރާއްޖެއިން ދެ ގާރީ އަކު ފަނޑިޔާރުކަން ކުރައްވާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފަރާތް ހޮވުމަށް އޮޑިޝަނެއް ބާއްވާނެ ކަމަށާއި އޮޑިޝަން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އަދި އޮޑިޝަން ބާއްވާނެ ތަނަކާއި ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށްވެސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވި އެވެ.

"މުބާރާތުގެ ފަނޑިޔާރުންގެ ތެރޭގައި ދިވެހި ދެ ބޭފުޅަކު ހިމެނޭނެ އަދި ބޭރުގެ ފަރާތްތަކަށްވެސް ދައުވަތު އަރުވާފައިވަނީ، އެގޮތުން ޕާކިސްތާނުގެ ބޭފުޅަކާއި ސޫދާންގެ ބޭފުޅަކު މިހާރުވެސް ވަނި ހަމަޖެހިފައި، ތުރުކީ އަދި މިސްރުގެ ބޭފުޅަކު ފަނޑިޔާރުންގެ ގޮތުގައި ހަމަ ޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން،" އިބްރާހިމް ރަޝީދު މޫސާ ވިދާޅުވި އެވެ. "ރާއްޖޭގައި އެބަ ބާއްވަން ގުރުއާނާބެހޭ ތަފާތު މުބާރާތްތައް، އޭގެ ތެރޭގައި ސުކޫލް ކުދިންގެ މުބާރާތެއް ވަރަށް ފަހުން ނިމިގެން އެދިޔައީ، ގައުމީ މުބާރާތެއް އެބަ ބާއްވަން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރޯދަ މަހު ހާއްސަ މުބާރާތެއް އެބަ ބާއްވާ، އެހެން ކަމުން މި މުބާރާތަށް ދަރުވަރުން ރާއްޖޭގައި ތިބޭނީ ވަރަށް ބޮޑަށް ތައްޔާރުވެފަހެން، އެންމެ ކުއްޖަކު ނަގާތީ ވަރަށް ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވޭ،"

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، މުބާރާތުގެ ކިޔެވުން އޮންނާނީ 13، 14، 15 އަދި 16 ވަނަ ދުވަހު ކަމަށާއި ރޯދަމަހުގެ ރޭތައް އިހިޔާ ކުރުމަށް ބާއްވާ ފުރަތަމަ ޕްރޮގްރާމުގައި މުބާރާތުގެ ވަނަތަކަށް އިނާމް ދިނުން އޮންނާނެ ކަމަށެވެ.

އިކްރާމް ވިދާޅުވީ، މުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިން ވަނަ އަށް އިނާމްތައް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ފަރާތުން އެއްވަނަ އަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށާއި ދެވަނަ އަށް 15،000 ޑޮލަރު އަދި ތިން ވަނަ އަށް 5000 ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

"މި މުބާރާތަކީ ރައީސްގެ އިސްނެންގެވުމުގެ މަތީން ކުރިއަށް ގެންދާ މުބާރާތެއް އެހެން ކަމުން، އެއްވަނަ ދެވަނަ ތިން ވަނައަށް ރައީސްގެ ހާއްސަ އިނާމެއް ލިބިލައްވާނެ އަދި ހުރިހާ ބައިވެރިންނަށްވެސް ރައީސްގެ އިނާމް ލިބިލައްވާނެ، އަދި ހެޔޮއެދޭ ފަރާތްތަކަށްވެސް މި މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނަން،" އިކްރާމް ވިދާޅުވި އެވެ.

މިއީ ބައިނަލް އަގުވާމީ ގުރުއާން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީއާ ކީރިތި ގުރުއާނާބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.