ވިލާ ކޮލެޖް

ވިލާ ކޮލެޖުން އިތުރު ފަސް ކޯހެއް ތައާރަފުކޮށްފި

Apr 9, 2018

ވިލާ ކޮލެޖުން އިތުރު ފަސް ކޯހެއް ތައާރަފްކޮށް މެއި އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިއަދު ވިލާ ކޮލެޖުން އަލަށް ތައާރަފް ކޮށްފައިވާ ފަސް ކޯހަކީ މާސްޓާ އޮފް ޝަރީއާ އެންޑް ލޯއާ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި މާސްޓާ އޮފް ޓީޗިން ދިވެހި ލެންގުއޭޖާއި ޑިޕްލޮމާ އިން ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމެންޓް އަދި ސެޓިފިކެޓް ފޯ އިން ނާސިން އެވެ. މި ކޯސްތައް އިފްތިތާހް ކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރެވެ. މިއީ ވިލާ ކޮލެޖްގެ އަމިއްލަ ފަސް ކޯހެކެވެ.

އެ ފަސްކޯހާއެކު މޭމަހުގެ އިންޓޭކްގެ މުއްދަތު މިވަނީ އަންނަ ހަފްތާގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެގޮތުން ކޯސްތަކަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 15 އެވެ. މިއަދު ތައާރަފް ކުރި ފަސްކޯހާއެކު މޭމަހު ވަނީ ޖުމްލަ 102 ކޯހުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިއަދު ތައާރަފް ކުރި ފަސް ކޯހުގެ އިތުރަށް އިންފޮރމޭޝަން ޓެކްނޮލޮޖީއާ ކޮމްޕިއުޓަ ސައިންސާއި ބިޒްނަސް މެނޭޖްމަންޓާއި ޓީޗިން އަދި އެޑިއުކޭޝަންގެ ދާއިރާގެ ކޯސްތައް ހިމެނެ އެވެ. އަދި ޝަރީއާ އެންޑް ލޯއާ އިސްލާމާއި ގުރުއާނާއި ހިއުމަން ރިސޯސް މެނޭޖްމަންޓާއި އެކައުންޓިނާއި ޕަބްލިކް ހެލްތާއި ނާސިންއާ އޭސީސީއޭ އާއި ރިސާޗް އަދި މެރިން ސްޓަޑީސް ދާއިރާގެ ކޯސްތައް ވެސް ހިމެނޭ ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ މޭމަހުގެ އިންޓޭކްގައި މާސްޓާސް ފެންވަރުގެ 13 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ 10 ކޯހަކާއި ޑިގްރީ ފެންވަރުގެ 22 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 20 ކޯހަކާ ޑިގްރީފައުންޑޭޝަން ފެންވަރުގެ 10 ކޯހެއް ހިމެނޭ ކަމަށެވެ. އަދި ސެޓްފިކެޓް ތިނެއް ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ދޭއް ފެންވަރުގެ ދެ ކޯހަކާއި ސެޓްފިކެޓް އެކެއް ފެންފަރުގެ އެއް ކޯހުގެ އިތުރުން މެރިން ސްޓަޑީސް ދާއިރާގެ އަށް ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ، ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އަދި ޑިގްރީގެ ކޯސްތައް ހިމެނޭ ކަމަށެވެ. އަދި މެއި މަހު ރާއްޖެ ތެރޭގެ ހުރިހާ ކެމްޕަސްތަކާއި ވިލާކޮލެޖުގެ ލާނިން ސެންޓަރުތައް ހުންނަ ރަށްރަށުގައި މިއަދު ތައާރަފް ކުރި ކޯސްތައްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އެ ކޯސްތަކަށް ފީ ދެއްކުމަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން އަހަރު ދުވަހަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޯސްތަކުގެ ކިޔެވުން ފަށަން ހަމަޖެހިފައިވަނީ މެއި މަހުގެ ފުރަތަމަ ދެހަފްތާގެ ތެރޭގައި އެވެ.