ވިލާ ކޮލެޖް

ރިސާޗް ހަދަން ވިލާއިން އެޗްއާރް އެސޯސިއޭޝަނާ އެކު އެއްބަސްވެއްޖެ

Apr 10, 2018
2

ރިސާޗުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އާއެކު ވިލާ ކޮލެޖުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި އެ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. އަދި އެމްއޭއެޗްއާރްޕީގެ ފަރާތުން ސޮއި ކުރެއްވީ އެސޯސިއޭޝަންގެ ރައީސް ހުސެއިން އަފީފެވެ.

އެ ރަސްމިއްޔާތުގައި އަންވަރު ވިދާޅުވީ، ހިއުމަން ރިސޯސް ދާއިރާއަކީ ރާއްޖޭގައި ރިސާޗްކޮށް ތަރައްގީ ކުރުން އެންމެ މުހިންމު ދާއިރާ ކަމަށެވެ. އަދި ވިދާޅުވީ، ދެ ފަރާތުން ގުޅިގެން މިފަދަ މަސައްކަތެއް ކުރުމުން އިތުރަށް ތަރައްގީވެ މަސައްކަތުގެ ކޮލިޓީ ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.

އަންވަރު ވިދާޅުވީ، ރާއްޖޭގައި ރިސާޗުގެ ދާއިރާ ފުޅާކުރަންޖެހޭ ކަމަށާއި އެ ކަމުގެ ތަޖުރިބާކާރުންނާއެކު ފަށާ އެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ވެސް އެބައޮތް ކަމަށެވެ.

ހިއުމަން ރިސޯސް އެސޯސިއޭޝަންގެ ރައީސް އަފީފު ވިދާޅުވީ، އެ އެސޯސިއޭޝަންގެ މެންޑޭޓްގައި ހިމެނޭ މުހިންމު އެއް ކަމަކީ ތަފާތު އެކި ދާއިރާތަކުން ރިސާޗްތައް ހަދައި އެ ރިސާޗްތަކުގެ ކުރުން ކަމަށެވެ. މިހާރުވެސް ރާއްޖޭގައި އެޗްއާރްގެ ދާއިރާއިން އެކި ޑިސިޝަންސްތައް ނަގާއިރު ރިސާޗްގެ މާބޮޑު ބޭނުމެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑު އެެއްބާރުލުމެއް ލިބިގެންދާނެ މި އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖުގެ އެކި ރިސާޗުތައް ހެދުމަށް އަޅުގަނޑުމެންގެ ރިސޯސްތައް ވެސް ލިބޭނެ. އެޗްއާރު ދާއިރާގައި އެބަ އުޅޭ ގާތްގަނޑަކަަށް ހާހެއްހާ މީހުން. އެކި އިންޑަސްޓްރީތަކުގައި. އެމީހުން ބޭނުން ކޮށްގެން އެކި ފެންވަރުގެ ރިސާޗުތައް ހެދޭނެ. އޭގެ އިތުރުން ވަރަށް ގިނަ ދަރިވަރުން ވެސް އެބައުޅޭ ރިސާުޗުތައް ހަދަން ބޭނުންވާ، އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ" އަފީފު ވިދާޅުވި އެވެ.