ރާއްޖެ ކުޅިވަރު

ލިވަޕޫލް ދޫކޮށްލަން ބޭނުންވާކަން ސްޓާލިން އެ ކްލަބަށް އަންގަނީ

ލިވަޕޫލަށް ކުޅެމުންދާ އިންގްލެންޑްގެ ޒުވާން ވިންގާ ރަހީމް ސްޓާލިން މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް ވަރަށް އަވަހަށް އަންގާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ހަފުތާއަކު 100،000 ޕައުންޑް ލިބޭ ގޮތަށް ލިވަޕޫލުން ސްޓާލިން އަށް އާ ކޮންޓުރެކްޓެއް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ކޮންޓުރެކްޓް އަށް ފުރުގަސްދީފަ އެވެ. ސްޓާލިން ،20، މިހާރު އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2017 ވަނަ އަހަރެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ލިވަޕޫލްގެ ޗީފް އެގްޒެކުޓިވް އިއަން އަޔާއާ ހުކުރު ދުވަހު ސްޓާލިން ބާއްވާ ބައްދަލުވުމުގައި، ލިވަޕޫލް ދޫކޮށްލަން ބޭނުންވާ ވާހަކަ ސްޓާލިން ބުނާނެ ކަމަށެވެ.

ސްޓާލިން އަށް މެންޗެސްޓާ ސިޓީ އާއި އާސެނަލް އަދި ޔޫރަޕްގެ ބޮޑެތި ބައެއް އެހެން ކްލަބުަކުން ވެސް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ޓްރާންސްފާގައި ސްޓާލިން ނުވިއްކާނެ ކަމަށް ލިވަޕޫލުން ބުނި ނަމަވެސް، 35 މިލިއަން ޕައުންޑް ނުވަތަ އެއަށްވުރެ ބޮޑު ހުށަހެޅުމެއް ސްޓާލިން އަށް ލިބިއްޖެ ނަމަ، ލިވަޕޫލްގެ ހިޔާލު ބަދަލުވެދާނެ އެވެ.

ބީބީސީ އަށް ކުރިން ދިން އިންޓަވިއުއެއްގައި ސްޓާލިން ބުނީ އޭނާ އަކީ ފައިސާގެ ދަހިވެތިކަމުގައި އުޅޭ ކުޅުންތެރިއެއް ނޫން ކަމަށާއި ފައިސާ އަށްވުރެ އޭނާ އަށް މުހިންމީ ކާމިޔާބީ ހޯދުން ކަމަށެވެ.