ދިވެހި ޒުވާނުން ޑިސްކޯތަކަށް ގެންދިޔުމަށް ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަނީ އެ މީހުންގެ މުސްތަގުބަލު ހަލާކުކޮށްލަން ކަމަށާއި އެއީ ޒުވާނުން ބޭނުންވާ މަގެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އެމްޑީޕީ އިން މެނިފެސްޓޯ ތައްޔާރު ކުރާ ވާހަކަ އިއުލާން ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓުވިޓާގައި އާންމު ކުރި އޯޑިއޯގައި "ޒުވާނުން ޑިސްކޯތަކަށް ދާން ބޭނުންވެދާނެއޭ" ވިދާޅުވުމުން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ރިޔާސީ އިންތިހާބަށް ވާދަ ކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރި އޭނާގެ ޕަބްލިކް ވައިބާ ގްރޫޕުގައި މިރޭ ހިއްސާ ކުރި މެސެޖުގައި ބުނެފައި ވަނީ ޒުވާނުންނަކީ ދީނަށް ކަމޭ ހިތާ މުރާލި ހީވާގި ތައުލީމީ ސިއްހަތު ރަނގަޅު ބަޔަކަށް ހެދޭނީ އެ މީހުން ޒުވާން ދުވަސްވަރު މަގު އޮޅިގެން ނުދާނެ ގޮތަކަށް ގައުމުގެ ސިޔާސަތު ބައްޓަންކޮށްގެން ކަމަށާއި ޑިސްކޯތަކާއި ބަނގުރާ ވިއްކާ ބާތަކާއި ޑްރަގް އާންމު ކުރުމަށް ހިތްވަރު ދޭ ސިޔާސީ މީހުން އެ ކުރާ މަސައްކަތަކީ ޒުވާނުންގެ މުސްތަގުބަލު ހަލާކުކޮށްލާ އެ މީހުން މަސްތުގެ ޝިކާރައަކަށް ހެދުން ކަމަށެވެ.
"ޑްރަގް އާއި ޑިސްކޯގެ މަގަށް ޒުވާނުން ވެއްދުމަކީ އެއްކޮަށް ދުއްވާ މަގަކަށް ޒުވާނުން ވައްދާ އޭނާގެ މުސްތަގުބަލު ހަލާކު ކޮށްލާނެ ކަމެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ޒުވާނުން ބޭނުން ވަނީ ޔުނިވާސިޓީ އާއި ތައުލީމް އާއި ތަމްރީންތައް އޭނާއަށް ހިލޭ ލިބުމަށް ސަރުކާރުން މަގުފަހިކޮށްދިނުން ކަމަށާއި އޭގެ އިތުރުން ކުޅިވަރާއި ކަސްރަތުގެ ތެރެއިން ހަށިގަނޑު ދުޅަހެޔޮ ކަންމަތީގައި ބެހެއްޓޭ މާހައުލެއް ސަރުކާރުން ކަށަވަރުކޮށް ދިނުމަށް ކަމަށެވެ.