ބޮލީވުޑް

ޝާހިދާއި މީރާ އަށް ދެވަނަ ކުއްޖަކު ލިބެނީ؟

Apr 11, 2018
1

މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު، ބޮލީވުޑާ އެއްވެސް ގުޅުމެއް ނެތް މީރާ ރާޖްޕުތާ 2015 ވަނަ އަހަރު ކައިވެނިކުރުން ވެގެންދިޔައީ ޝާހިދުގެ އެތަކެއް އަންހެން ސަޕޯޓަރުންނަށް ހައިރާންކަން ލިބުނު ކަމަކަށެވެ.

ބޮލީވުޑްގެ ބައެއް ބަތަލާއިންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝާހިދު އޭނާ އަށް ވުރެން ސާދަ އަހަރު ހަނގު މީރާއާ ކައިވެނިކުރިއިރު އެ ދެމީހުން ބައްދަލުވެފައިވަނީ މަދު ފަހަރެއްގަ އެވެ.

ދެ ފަރާތުގެ އާއިލާއިން އެދިގެން ޝާހިދު މީރާ އާއި ކައިވެނިކުރިތާ އަހަރެއްވީތަނާ އެ ދެމީހުންނަށް އަލަތު ދަރިޔަކު ލިބުނެވެ. ޖެހިގެން އައި އަހަރުގެ އޮގަސްޓް މަހު ލިބުނު އަލަތު ދަރިފުޅު މިޝާ އާއެކު މީރާ ފެނިގެންދިޔައީ އަބަދުހެންމެ ކަހަލަ ގޮތަކަށް ދަރިފުޅު ގޮވައިގެން އުޅުނު މަންމައެއްގެ ގޮތުގަ އެވެ. ކައިވެންޏަށްފަހު ވެސް އަދި ކުއްޖެއް ލިބުނު ފަހުން ވެސް ވަޒީފާ އަކަށް ދާން ބޭނުންނުވާ ކަމަށް މީރާ ވަނީ އެކި އިންޓަވިއުތަކުގައި ބުނެފަ އެވެ. އޭގެ ބަދަލުގައި އޭނާ ބުނެފައިވަނީ ބޭނުންވަނީ ދަރިން ބޮޑުވަމުން އަންނައިރު ހުރިހާ ވަގުތެއް ދަރިންނާ އެކު ހޭދަކުރަން ކަމަށާއި ވަޒީފާ އަކަށް ދިއުމާ ގުޅޭގޮތުން ވިސްނާނީ ކުދިން ބޮޑެތި ވުމުން ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަރަށް އަވަހަށް ދެވަނަ ކުއްޖަކު ވެސް ހޯދަން ބޭނުންވާ ކަމަށާއި ކެރިއަރާ މެދު ވިސްނާނީ އޭގެފަހުން ކަމަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

މީރާގެ އިތުރުން ޝާހިދު ވެސް ވަނީ ދެވަނަ ކުއްޖަކު އަވަހަށް ހޯދަން މީރާ ބޭނުންވާ ކަމަށް ބުނެފަ އެވެ.

"މީރާ ބޭނުންވަނީ އަވަހަށް ދެވަނަ ކުއްޖެއް ވެސް ހޯދަން. ކުދިން ވަކި ވަރަކަށް ބޮޑުވީމަ އޭނާގެ އަމިއްލަ ކަންތައް ކުރަން ވަގުތު ލިބޭނެ ކަމަށް ބުނަނީ،" ޝާހިދު ބުނެފައިވެ އެވެ.

ދެވަނަ ކުއްޖަކު އަވަހަށް ހޯދަން ބޭނުންވާ ކަމަށް މީރާ އާއި ޝާހިދު މީގެކުރިން ދެއްކި ވާހަކަތަކުގެ އަޑު މިފަހަކަށް އައިސް ގަދަވެފައި ވަނީ މިފަހުން އާންމުވި މީރާގެ ފޮޓޯތަކަކާ އެކު އެވެ. ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން މިފަހުން މީރާ ބޭރުތެރެއިން ފެނުނުއިރު، ކުރިއަށްވުރެން ކުޑަކޮށް ފަލަ އެވެ. އަދި ކުޑަ ބަނޑެއް ހުންނަކަން ފާހަގަވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މީރާގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، މިފަހަކަށް އައިސް އޭނާ ގަޔަށް ދޫ ހެދުން ލާކަން ފާހަގަވާ ކަމަށް ވެސް އެ ހަބަރުތައް ބުނެ އެވެ.

އަލަތު ދަރިފުޅަށް މީރާ ބަލިވެއިން އިރުވެސް އެކަން ޝާހިދު ޔަގީންކޮށްދީފައިވަނީ މީޑިއާގައި އެވާހަކަތައް ދެކެވެމުންދިޔަތާ އެތަކެއް ދުވަސް ފަހުންނެވެ. މިފަހަަރުވެސް ދެ ވަަނަ ދަރިއަކަށް މީރާ ބަލިވެއިނުމާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން އައި ނަމަވެސް އެ ދެމަފަރިން އެކަހަލަ އެއްވެސް ވާހަކަ ދައްކާފައެއް ނުވެ އެވެ.