ހަބަރު

ޖާބިރަށް ވެސް އިނގިރޭސި ހިމާޔަތް ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުއަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފި އެވެ.

ޖާބިރަށް އެސައިލަމް ދިންކަން ހަމަ ކުރައްވަމުން އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ ޖާބިރަށް އެސައިލަމް ލިބުނީތީ މަރުހަބާ ވިދާޅުވާ ކަމަށާއި ރައްކާތެރިކަން ކަށަވަރުވުމަށް ކުރި އިންތިޒާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"މިއީ ވަރަށް ދިގު އަދި ހާސްކަން ބޮޑު ރާސްތާއެއް، މިކަމަށް އެހީތެރިވެދެއްވީތީ ރައީސް ނަޝީދަށް ޝުކުރު އަދާ ކުރަން،" ދިޔާނާ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ޖާބިރަށް އެސައިލަމް ދީފައިވާ އިރު ދިވެހި ފުލުހުން އަންނަނީ ޖާބިރު ހޯދުމަށް އިއުލާންކޮށް އެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ޖާބިރަކީ މީގެ ކުރިން ރައީސް ޔާމީނަށް ވަރަށް ބޮޑު ސަޕޯޓްކުރައްވަމުން ގެންދެވި ނަމަވެސް ޓެކްސް ނުދައްކައިގެން ޖާބިރުގެ ކުންފުނީގެ އެކައުންޓް ފްރީޒްކުރި ހިސާބުން އޭނާ ގެންދަވަނީ ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.