ބޭރު ކުޅިވަރު

ދެލެގުންވެސް ސިޓީގެ މައްޗަށް ކުރި ހޯދައި ލިވަޕޫލް ސެމީއަށް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އަނިޔާގެ ސަބަބުން ސިޓީ އާއެކު ކުޅުނު ފުރަތަމަ ލެގުގައި އަނިޔާވި މުހައްމަދު ސަލާހްއަށް ފުރުސަތު ދީފައިވާއިރު ކާޑު ހަމަވުމުގެ ސަބަބުން މެޗު ނުކުޅެވޭ ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންގެ ބަދަލުގައި ކުޅުނީ ނެދަލެންޑްސް މިޑްފިލްޑަރު ވައިނާލްޑަމް އެވެ.

ސިޓީގެ ފުރަތަމަ އެގާރަ ފެނިގެންދިޔައީ ވަރަށް އެޓޭކިން ގޮތަކަށް އަތުރާލެވިފައި އޮތްތަނެވެ. ތިން ޑިފެންޑަރުން ނާއެކު ސިޓީ މެޗު ފެށިއިރު އެޓޭކިން މިޑްފިލްޑަރު ކެވިން ޑެބްރުން ފުރަތަމަ އެގާރައިން އަލުން ޖާގަ ހޯދި އެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑު އަތުން ސިޓީ ބަލިވި މެޗުގައި ޑެބްރުން ހުރީ ބެންޗުގަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސިޓީއިންނެވެ. ދެވަނަ މިނިޓުގައި މިލަނޑު ޖެހީ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސެސް އެވެ. ލިވަޕޫލްގެ ފަހަތުން ވާޖަލް ވޭންޑައިކް ސާފުކޮށްލި ބޯޅަ ލިބުނީ ފެނާންޑީނިއޯއަށެވެ. އޭނާ އެއްފަހަރުން ކުރިއަށް ކުޅުނު ބޯޅަ ލިބުނީ ރަހީމް ސްޓާލިން އަށެވެ. ސްޓާލިން ވަނީ ބޯޅަ ހިފައިގެން ލިވަޕޫލް އޭރިޔާ ތެރެއަށްވަދެ ޖީސެސްއަށް ތިރިތިރިން ބޯޅަ ހުރަސްކޮށްލާފަ އެވެ. ޖީސެސް ވަނީ އެބޯޅަ އެއްފަހަރުން ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.

ހާފު ނިމެން ގާތް ވެފައިވަނިކޮށް ސިޓީގެ ބާނާޑޯ ސިލްވާ އަރިމަތިން ބޯޅަ ހިފައިގެން އެތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިށެވެ. އޭގެ ފަހުން ސިޓީގެ ސާނޭ ގޯލެއް ޖެހިއެވެ. ނަމަވެޗް އޭނާ އޮފްސައިޑް ކަމަށް ނިންމައި ލައިންސްމަން ވަނީ ދިދަ ނަގާފަ އެވެ.

ލިވަޕޫލްއަށް ފުރަތަމަ ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެލެކްސް އޮކްސްލެޑް ޗޭމްބަލިންއަށެވެ. ކައުންޓާ އެޓޭކުގައި ސަލާހު އާއި ޕާސް ބަދަލުކޮށް ސިޓީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ޗޭމްބަލިން ވަނީ ދުވެފައި ނިކުތް ސިޓީގެ ކީޕަރު އެޑަސަން ކާރިން ނައްޓާލާފަ އެވެ. ނަމަވެސް އޭނާ އެޑަސަން ކާރިން ނައްޓާލިއިރު ގޯލްގެ އޭންގަލް އޮތީ ހަނިވެފަ އެވެ. ޗެމްބަލިން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފް ނިމި ރެފްރީ އަދި ލައިންސްމަނުން ދަނޑުން ފައިބައިގެން އައި ވަގުތު ސިޓީގެ ކޯޗު ޕެޕް ގުއާޑިއޯލާ ވަނީ ތަކުރާރުކޮށް ރެފްރީއަށް ފާޑު ކިޔާފަ އެވެ. ލިއޮރޭ ސާނޭގެ ލަނޑަކީ ރަނގަޅު ލަނކެއް ކަމަށާއި އަދި ލިވަޕޫލްގެ ކުޅުންތެިރއެއް އަތުގައި އޭރިއާ ތެރެއިން ޖެހުނުކަމަށް ބުނެ ގާޑިއޯލާ ވަނީ ވަރަށް ރުޅިއައިސްހުރި އަޑުގަދަކޮށް ރެފްރީ އާއި މުހާތަބް ކޮށްފަ އެވެ. ނަތީޖާ އަކަށްވީ ރެފްރީ ގާޑިއޯލާ ބެންޗުން ފޮނުވާލުމެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ސިޓީގެ ގޯލަށް އިތުރަށް ނުރައްކާ ކުރުމަށް ލިވަޕޫލުން މަސައްކަތް ކުރި އެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 56 ވަނަ މިނިޓުގައި މުހައްމަދު ސަލާހް ލިވަޕޫލްއަށް މުހިންމު އަވޭ ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ 1-1 އެއްވަރުކޮށްލުމެވެ. މިލަނޑާއެކު އެގްރިގެޓް ނަތީޖާ 1-4 ބަދަލުވި އެވެ. ލިވަޕޫލްގެ ފޯވާޑް މާނޭ އޭރިއާ ތެރެއަށް ހިފައިގެން ވަން ބޯޅަ ސިޓީގެ ކީޕަރު އެޑަސަަން ހިފަން އުޅުނު ބޯޅަ އޭނާ އަތުން ދޫވި ބޯޅަ ލިބުނީ އޭރިއާ ތެރެއަށް ދުވެފައި ވަން ސަލާހް އަށެވެ. ސަލާހް ވަނީ ސިޓީގެ ގޯލް ރޮނގު މަތީގައި ހުރި ޑިފެންޑަރު އޮޓަމެންޑީ ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލާފަ އެވެ.

ލިވަޕޫލުން މެޗު ކާމިޔާބުކުރި ލަނޑު 77 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. މިލަނޑާއެކު މެޗުގެ ނަތީޖާ 1-2 ބަދަލުވެ އެގްރިގެޓް ނަތީޖާ 1-5 ބަދަލުވި އެވެ. މިލަނޑަކީ ފިރްމީނޯ އަރިމަތިން ލިބުނު ބޯޅަ ހިފައިގެން ވަދެ ގޯލްގެ ދުރު ކަނަށް ތިރިތިރިން ވައްދާލައިގެން ޖެހި ލަނޑެކެވެ.