ހަބަރު

ލ. ފޮނަދޫގެ ފެން ޕްލާންޓް ހަދައި ނިމިއްޖެ

Apr 11, 2018

ލ. ފޮނަދޫގައި ހަދަމުން އައި ފެން ޕްލާންޓުގެ މަސައްކަތް ނިންމައި، ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެތަކަށް ފެން ދޫކުރުމަށް އަޅާ ހޮޅިތައް ވަޅުލުމުގެ މަސައްކަތާއި ސާފު ފެން އުފައްދާ އާރު އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ އެ މާޝްރޫއަށް މުޅިއަކު 47 މިލިއަން ރުފިޔާގެ ހޭދަވި އެވެ.

އާބާދީގައި 3000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ފޮނަދޫގައި ފެނުގެ ހިދުމަތް ގާއިމް ކުރަން މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދިޔައީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްގެނެވެ.