ހަބަރު

މުއްދަތު ހަމަވުމުގެ ކުރިން ޕާޓީތަކަށް ފައިސާ ދޭނަން: އީސީ

ގާަނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ޖެހޭ މުއްދަތު ހަމަވުމުގެ ކުރިން އެ ޕާޓީތަކަށް ފައިސާ ދޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހެން ބުނީ ޕާޓީތަކަށް ފައިސާ ދޭން ޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށާއި އަދިވެސް އެއްވެސް އިދިކޮޅު އެއްވެސް ޕާޓީއަކަށް އެ ކޮމިޝަން އިން ފައިސާ ދޫނުކުރާ ކަމަށް ބުނެ އެ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށްޓަކައި ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިންމައި ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޕާޓީތަކަށް ފައިސާ ދޫކުރާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައި ވަނީ މަޖިލީހުން ބަޖެޓު ކަނޑަައަޅާތާ ތިން މަހުގެ ތެރޭގައި ފައިސާ ދުކުރަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު ގުނަން ޖެހޭނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަލަށް ގެނައި ބަދަލާއެކު އީސީ އިން ފައިސާ ދޫކުރަން ޖެހެނީ 10،000 އަށް ވުރެ ގިނަ މެންބަރުން ހަމަވާ ޕަޓީތަކަށް އެކަނި އެވެ.