ބޮލީވުޑް

"ވީރޭ ދި ވެޑިން" ގެ ޓްރެއިލާ މިމަހު 19ގައި

Apr 12, 2018
1

މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިން" ގެ ޓްރެއިލާ މި މަހުގެ 19 ވަނަ އަހަރު އާންމުކުރާނެ ހަބަރުތައް ބުނަން ފަށައިފި އެވެ.

ސޯނަމްގެ ކޮއްކޮ ރީއާ ކަޕޫރު އާއި އެކްތާ ކަޕޫރު ގުޅިގެން އުފައްދާ މި ފިލްމު ޑައިރެކްޓްކުރަނީ ޝަޝަންކް ގޯޝް އެވެ. ކަރީނާ ވިހެއި ފަހުން ކުޅޭފައިވާ ފުރަތަމަ މި ފިލްމުގައި އޭނާ އާއި ސޯނަމް އާއެކު ބަތަލާއިންގެ ރޯލުން ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިއާ ވެސް ފެނިގެންދާނެ އެވެ.

ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފުރަތަމަ ފިލްމުގެ ގޮތުގައި އުފައްދާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކުރި ފަހުން އެތަކެއް މަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، ޓްރެއިލާ މި މަހުގެ 19 ވަނަ ދުވަހު އާންމުކުރަން ނިންމާފައިވަނީ ބާއްވާ ހާއްސަ ޕްރެސް ކޮންފަރެއްސެއްގަ އެވެ.

ހަތަރު އެކުވެރިއެއްގެ މެދުގައި އޮންނަ ގާތްގުޅުން ފެނިގެންދާ މި ފިލްމުގައި ކަރީނާގެ ލޯބިވެރިޔާގެ ރޯލުން ސުމީތް ވިޔާސް ވެސް ފެނިގެންދާނެ އެވެ.

ޖޫން މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ފިލްމު މީގެކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކަރީނާ މި ފިލްމު ކުޅެން ސޮއިކުރި ފަހުން ބަލިވެއިނުމާ ގުޅިގެން ފިލްމުގެ ޝޫޓިން ފެށުންވަނީ އޭނާ ވިހައިގެން ހިކެންދެން ލަސްކޮށްފަ އެވެ. އަދި ފަހުން ފިލްމު ރިލީޒްކުރާ ތާރީހު ވެސް އެކި ސަބަބުތަކާ ހެދި ދެ ފަހަރެއްގެ މަތިން ލަސްކޮށްފަ އެވެ.