މެޗުގެ ފަހު މިނިޓުގައި ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދީފި އެވެ. މިމެޗުން ޔުވެންޓަސް 1-3 މޮޅުވި ނަމަވެސް ރެއާލް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ އެގްރިގްޓް ނަތީޖާއިން 3-4 ކުރިހޯދައިގެންނެވެ.
މެޗަށް ރެއާލް މެޑްރިޑުން ނެރުނު ފުރަތަމަ އެގާރައިގައި ކާޑު ހަމަވުމުގެ ސަބަބުން މެޗު ގެއްލުނު ކެޕްޓަން ސާޖިއޯ ރާމޯސްގެ ބަދަލުގައި ފަހަތަށް ކުޅުނީ ހެސަސް ވަލެހޯ އެވެ. ފުރަތަމަ ލެގުގައި ފޯވާޑަށް ކުޅުނު ބެންޒިމާގެ ބަދަލުގައި ރޮނާލްޑޯ އާއެކު ކުރިއަށް ކުޅުނީ ގެރެތް ބޭލް އެވެ.
ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މިޑްފިލްޑަރު މިރެލަމް ޕިއާނިޗް އަދި މަޓުއީޑީ އަލުން ޖާގަ ހޯދިއިރު ފުރަތަމަ ލެގުގައި ރަތް ކާޑު ދެއްކި ޕައުލޯ ޑިބާލާގެ ބަދަލުގައި ކުޅުނީ މާރިއޯ މަންޒޫކިޗް އެވެ. ފުރަތަމަ ލެގުގައި ވާތު ފަޅިން ފަހަތަށް ކުޅުނު އަސަމޯއާގެ ބަދަލުގައި އެމަގާމަށް ކުޅުނީ އެލެކްސް ސަންޑްރޯ އެވެ. ފުރަތަމަ ލެގުގައި ސަންޑްރޯ ކުޅުނީ އަރިމަތިން ކުރިއަށެވެ.
މެޗު ފެށިތާ ދެމިނިޓު ތެރޭގައި ޔުވެންޓަސްއިން ލީޑު ނެގައި އެގްރިގެޓް ނަތީޖާ 1-3 ބަދަލުކޮށްލި އެވެ. މިލަނޑަކީ މަންޒޫކިޗް ބޮލުން ޖެހި ލަނޑެކެވެ.
11 ވަނަ މިނިޓުގައި ބޭލްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފުއްނާބުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.
15 ވަނަ މިނިޓުގައި މަންޒޫކިޗްއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ކޯނަރަކުން ނެގި ބޯޅަ މަންޒޫކިޗްއަށް ލިބުނީ އޭނާ މުޅިން ހުސްކޮށް ހުއްޓަ އެވެ. ނަމަވެސް އޭނާއަށް އެބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
33 ވަނަ މިނިޓުގައި ރެއާލް މެޗުގެ ނަތީޖާ އެއްވަރުކޮށްލުމާ ގާތަށް ޖެހިލި އެވެ. ރޮނާލްޑޯ ބޯޅަ ހިފައިގެން އެތެރެއަށް ވަދެ ކުޅުނު ބޯޅަ ލިބުނީ ޔުވޭގެ އޭރިއާ ތެރެއަށް ދުވެފައި ވަން އިސްކޯއަށެވެ. ނަމަވެސް އޭނާ ފޮނުވާލިހަމަލާ ބުފޮން ވަނީ ދިފާއުކޮށްފަ އެވެ.
37 ވަނަ މިނިޓުގައި ޔުވެންޓަސް އިތުރު ގޯލެއް ޖަހައި އެގްރިގެޓް ނަތީޖާ 2-3 ކުޑަކޮށްލި އެވެ. އަރިމަތިން ސްޓެފަން ލިކްސްޓައިނާ ނަގައިދިން ހުރަހުން ފާޕޯސްޓަށް ވެއްޓުނު ބޯޅަ ގޯލްގެ ތެރެއަށް ބޮލުން ވައްދާލީ މިފަހަރުވެސް މަންޒޫކިޗް އެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ރޭއާލް ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ނަމަވެސް އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ކްރޫސް ނަގައިދިން ހުރަހުން ރަފޭލް ވަރާން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
61 ވަނަ މިނިޓުގައި ޔުވެންޓަސް މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށް އެގްރިގެޓް ނަތީޖާވެސް އެއްވަރުކޮށްލި އެވެ. އަރިމަތިން ޑަގްލަސް ކޮސްޓާ ނަގައިދިން ހުރަސް ރެއާލްގެ ކީޕަރު ކޭލޯ ނަވާސް ހިފި ނަމަވެސް އޭނާ އަތުން ދޫވި ބޯޅަ މަޓުއީޑީ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.
77 ވަނަ މިނިޓުގައި އިސްކޯއަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޔުވޭ އޭރިއާ ބޭރުން އޭނާ ފޮނުވާލިހަމަލާ ޔުވެންޓަސް ޑިފެންޑަރެއް ފައިގައި ޖެހިފައި ތިރީ ކަނަށް ވައްނަން ދިޔަ ބޯޅަ ބުފޮން ވަނީ ދިފާއުކޮށްފަ އެވެ.
އޭގެ މިނިޓެއް ފަހުން 78 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ވަރާން ފޮނުވާހި ހަމަލާ ދިޔައީ ބުފޮންގެ ގޯލުގެ މަތީ ދަނޑި ކާރިން ބޭރަށެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްއަށް ޕެނެލްޓީއެއް ލިބުނެވެ. ލޫކަސް ވަޒްކުއޭޒްއަށް ޔުވެންޓަސްގެ މަހްދީ ބެނާޓިއާ ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީއެކެވެ. ރެފްރީގެ ނިންމުމާ ހިތްހަމަ ނުޖެހިގެން ރެފްރީ އާއި ޒުވާބުކޮށް ރެފްރީ ކޮށްޕާލުމުން ޔުވޭ ކީޕަރު ބުފޮންއަށް ރަތް ކާޑު ދެއްކި އެވެ.
ޕެނެލްޓީ ޖެހުމުގެ ކުރިން ޔުވެންޓަސް ވަނީ އެޓީމުގެ ބަދަލު ކީޕަރު ޝެޒްނީ އަރުވާފަ އެވެ. ޕެނެލްޓީގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. މިލަނޑާއެކު މެޗުގެ ނަތީޖާ 1-3 ބަދަލުވިއިރު އެގްރިގެޓް ނަތީޖާ 4-3 ބަދަލުވެ ރެއާލް މެޑްރިޑަށް ސެމީ ފައިނަލްގެ ފުރުސަތު ކަށަވަރުވި އެވެ.